ތ. ކަނޑޫދޫގައި ކުޑަ ކުއްޖެއްގެ ގައިމައްޗަށް ފާރެއް ވެއްޓި ކުއްޖާއަށް ސީރިޔަސް އަނިޔާތަކެއް ލިބިއްޖެއެވެ. ތ ކަނޑޫދޫ ކައުންސިލް ރައީސް އަހުމަދު ރީހާން ހުވަދޫ މީޑިޔާއަށް ވިދާޅުވީ މިއީ ވިއްސާރައިގެ ސަބަބުން ދިމާވި ހާދިސާއެއް ކަމަށް ބެލެވޭ ކަމަށާއި މި ހާދިސާ ހިނގީ މިއަދު އިރުއޮއްސެން އުޅެނިކޮށް ކަމަށެވެ. މި ހާދިސާ ދިމާވެފައިވާ އުމުރުން 10 ވަރަކަށް އަހަރުގެ ކުޑަ ފިރިހެން ކުއްޖާއަށް މިހާރު ދަނީ އެރަށު ސިއްހީ މަރުކަޒުން ފަރުވާ ދެމުން ކަމަށް ވެސް ރީހާން ވިދާޅުވިއެވެ.އެ ކުއްޖާގެ ގައި މައްޗަށް ފާރު ވެއްޓުމުން ކުއްޖާއަށް ސީރިޔަސް އަނިޔާތަކެއް ލިބުނު ކަމަށް މައުލޫމާތު ދިނެވެ. ވެއްޓުނު ފާރަކީ މައި މަގަށް ހުރި ވަރަށް ދުވަސްވެފައި ހުރި ފާރެއްކަމަށާއި އެކުއްޖާގެ ގައި މައްޗަށް ފާރު ވެއްޓުނީ މަގުން ހިނގާފައި ދަނިކޮށް ކަމަށްވެސް މައުލޫމާތު ވަނީ ލިބިފައެވެ. ކުއްޖާއަށް ލިބިފައިވާ ގެއްލުން ސީދާ ނޭނގުނު ނަމަވެސް ސީރިއަސް އަނިޔާތަކެއް ވެފައިވާކަމަށްވެސް މައުލޫމާތު ވަނީ ލިބިފައެވެ. ސަބަބަކީ ފާރު ވެއްޓުނީ ކުއްޖާގެ ގައިމައްޗަށް ކަމަށްވާއިރު ކުއްޖާގެ ހަށިގަނޑު ފާރުގެ ދަށުވެފައިވާތީއެވެ.

FAAU

ކަނޑޫދޫގައި ކުޑަކުއްޖެއްގެ ގައިމައްޗަށްވެއްޓުނު ފާރު

ރަށު ސިއްހީމަރުކަޒުގައި އެކްސްރޭ ފަދަ ހިދުމަތްތައް ނެތުމުން ކުއްޖާއަށް ލިބިފައިވާ ގެއްލުމުގެ ތަފްސީލު އަދި އެނގޭކަށް ނެތްކަމަށްވެސް ރަށު ކައުންސިލު ރައީސް ވަނީ ވިދާޅުވެފައެވެ.

އެހެންނަމަވެސް ރަށު ސިއްހީ މަރުކަޒު ޑޮކްޓަރާ ހަވާލާދީ ކިޔައިދިން ފަރާތުން ބުނި ގޮތުގައި ކުއްޖާގެ އެތެރެހަށްޓަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައިކަމަށާއި އެހެންނަމަވެސް ސިއްހީ މަރުކަޒުގައި އަދި ބާއްވާފައި އޮތީ ދަތުރު ކުރެވޭ ވަރަށްވުރެ ކަނޑުގަދަ ވުމުން ސިއްހީ ފަރުވާދޭން އެހެން ހިސާބަކަށް އަދި ގެންދެވެން ނެތުމުން ކަމަށެވެ. ފުލުހުންނަށް މިކަމުގެ މައުލޫމާތު ދީފައިވާކަމަށާއި މިކަންތައް ފުލުހުން ދަނީ އިތުރަށް ބަލަމުންކަމަށް ވެސް ވަނީ އެނގިފައެވެ.