ރައްޔިތުންގެ މަޖިލީހުގެ ކުރެންދޫ ދާއިރާގެ އިންތިހާބީ މެންބަރު ޝާމިން ހަބީބު ސަރުކާރުގެ މައި ޕާޓީ ޕީއެންސީ އާ ގުޅިވަޑައިގެންފިއެވެ. ކުރެންދޫ ދާއިރާއަށް މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި ޝާމިން އިންތިހާބު ކާމިޔާބު ކުރެއްވީ ، ބޮޑު ފަރަގެއްގެ ތަފާތުކުންނެވެ. ޝާމިން ވާދަކުރެއްވީ އެމްޑީޕީން ވާދަކުރި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ކޮއްކޮ، އަދި ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޑެޕިއުޓީ މިނިސްޓަރަކަށް ހުންނެވި އާދަމް ތައުފީގާ އެވެ. ޝާމިންގެ އިތުރުން މަޖިލީހަށް އަމިއްލަގޮތުން އިންތިހާބުވި އިތުރު މެމްބަރުންވެސް ވަނީ މީގެކުރިން މިދިޔަ މަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވައި ކާމިޔާބު ކުރެއްވި ހަތް މެމްބަރަކު ވަނީ ޕީއެންސީއަށް ސޮއި ކުރައްވާފައެވެ. ކުރެންދޫ ދާއިރާގެ އިންތިޚާބީ މެމްބަރު ޝާމިން ހަބީބުގެ ފޯމާ ހަވާލުވެވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. މީގެ ކުރިން ސޮއިކުރި މެންބަރުންނަކީ
- ޑރ. އަނާރާ ނަޢީމް – ހުރާ ދާއިރާ
- ޙަސަން ޒަރީރު – މަތިވެރި ދާއިރާ
- އަހްމަދު ޒަމީރު – މައްޗަންގޮޅި މެދު ދާއިރާ
- އަޙްމަދު ރިޔާޒް – ތިމަރަފުށި ދާއިރާ
- ޔާސީން ޢަބްދުﷲ - ނައިފަރު ދާއިރާ
- ޢާޒިމް ޢަބްދުލް ޢަޒީޒް – ވިލިނގިލި ދާއިރާ
- މުޙައްމަދު ރަޝީދު - ނޮޅިވަރަމް ދާއިރާ
މި މެމްބަރުންތައް ޕީއެންސީއަށް ސޮއިކުރެއްވުމާއެކު 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ސަރުކާރުގެ މެމްބަރުންނާއި ސަރުކާރަށް ތާއިދުކުރައްވާ މެމްބަރުންނާއެކު 78 މެމްބަރުން ތިއްބަވާނެއެވެ. ޕީއެންސީގައި އެކަނި ވެސް މިހާރު 74 މެމްބަރުން ތިއްބަވާނެއެވެ. މެންބަރުން ޕާޓީ ބަދަލުކޮށްފިނަމަ، މެންބަރުކަމުން އިސްތިއުފާ ދޭން ޖެހޭ ގޮތަށް އެމްޑީޕީގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ވަނީ އެންޓި ޑިފެކްޝަން ގާނޫނެއް ފާސްކޮށްފައި ވާއިރު އެ ގާނޫނު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މި މަހުގެ 16 ވަނަ ދުވަހު ތަސްދީގު ކުރައްވާފައެވެ. އެހެން ނަމަވެސް މި ގާނޫނު ހިނގާނީ މެމްބަރު ދައުރުގެ ތެރޭގައި ޕާޓީ ބަދަލު ކުރާނަމަ ކަމަށްވާތީއާއި އަދި 20 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި މެމްބަރުންގެ ދައުރު އަދި ނުފެށޭތީ، ގާނޫނު އޮތް ގޮތުން މި ބޭފުޅުންގެ ގޮނޑިއެއް ނުގެއްލޭނެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.