16 އަހަރު ދުވަހުގެ ދިގު މުއްދަތަކަށް ފަހު، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތަކުގެ ޤާނޫނަށް އިސްލާހު ގެންނަން ސަރުކާރުން ނިންމަވައިފިއެވެ.
މިކަން ހާމަކުރައްވާ، ސިއްޙަތާއި އާއިލާއާއި އިޖްތިމާޢީ އެހީއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙުމަދު އާތިފް، ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ވިދާޅުވީ، މުޅިން އައު ޤާނޫނެއްގެ ސިފައިގައި، މުހިންމު ބަދަލުތަކަކާއެކު ޤާނޫނު އިސްލާހުކުރުމާ ގުޅޭ މަސައްކަތްތައް ފަށާފައިވާކަމަށެވެ. މި މަސައްކަތް ކުރިއަށްދަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އެ ދާއިރާއިން މަސައްކަތްކުރާ ފަންނީ މީހުންނާއި ޖަމްޢިއްޔާ ޖަމާތްތަކުގެ ޚިޔާލާއި މަޝްވަރާއާއެކުގައެވެ.
2008، 2009ވަނަ އަހަރު މި ޤާނޫނާ ގުޅޭ މަސައްކަތްތައް ކުރި ދުވަސްވަރާއި އަޅާބަލާއިރު މިހާރު ޙާލަތު ވަރަށް ބޮޑަށް ބަދަލުވެފައިވާކަން ފާހަގަކުރައްވާ އާތިފު ވިދާޅުވީ، އޭރާއި މިހާރާ ހޭލުންތެރިކަން ހުރި މިންވަރާއި އަދި ޚިދުމަތްތައް ލިބިގަތުމާއި ކަންކަމުގައި ގޮންޖެހުން ހުރި ގޮތްތަކަށްވެސް ބޮޑެތި ބަދަލުތައް އައިސްފައިވާކަމަށެވެ.
އެގޮތުން، ގާނޫނުގައި ތިލަކޮށޤލިޔެފައި ހުރި، ތަޢުލީމީ، ސިއްޙީ ޙައްޤުތައް ފަދަ ކަންކަން، އަލަށް އެކުލަވާލާ ޤާނޫނުގައި ވަކިވަކި ދާއިރާތަކާއި އިދާރާތަކުގެ ޒިންމާތައް ވަރަށް ސާފުކޮށް ލިޔެވޭނެ ކަމަށާ އެފަދަ މީހުން ބާރުވެރިކުރުމުގައި ގެންގުޅޭނެ މޮޑެލްތަކަކީ ކޮބައިތޯއާއި، ވަޒީފާ ނުވަތަ މަލީ ފުދުންތެރިކަން އިތުރުކުރުމާ ގުޅޭ ކަންކަން ކަޑައެޅޭނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ޅަފަތުގައި ނުކުޅެދުންތެރިކަން ދެނެގަނެވޭނެ އެކަށީގެންވާ ނިޒާމެއް ޤާއިމުކުރުމަށްވެސް ޚާއްސަ އިސްކަމެއް ދެއްވާނެ ކަމަށާ މިއީ ފަހުން ދިމާވެދާނެ ހިރާސްތައް ކުޑަކޮށް، ޙައްލު ހޯދުމަށް އެހީވެދޭނެ ވަރަށް މުހިންމު ކަމެއްކަމަށް ވެސް އާތިފު ވިދާޅުވިއެވެ. މިކަމަކީ ކުރީގެ ޤާނޫނުގައި އިސްކަންދެވިފައި ނެތް ކަމެއް ނަމަވެސް މީގެސަބަބުން ޚިދުމަތްތައް ބައްޓަން ކުރަންވީގޮތާއި، ދުރާލާ އެކަން ދެނެގަނެވި ޚިދުމަތްތަކުގެ ދުވެލި ބާރުކުރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.
2010ވަނަ އަހަރު މި ޤާނުނު ވުޖޫދުވިފަހުން، މިހާތަނަށް އެއްވެސް އިސްލާހެއް ގެނެސްފައި ނުވެއެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނަކީ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އެންމެހައި އަސާސީ ޙައްޤުތަކާއި މިނިވަންކަން އެއްވެސް ތަފާތުކުރުމެއްނެތި ލިއްބައިދިނުމާއި، އެ ޙައްޤުތަކާއި މިނިވަންކަން ރައްކާތެރިކޮށް ޙިމާޔަތްކުރުމާއި، ސަރުކާރުގެ ސިޔާސަތުތައް ކަނޑައެޅުމާއި، އެހެން މީހުންނާ ހަމަހަމަ ފުރުޞަތުތައް ހޯދައިދިނުމާއި، އެފަދަ މީހުންނަށް ލިބިދޭންޖެހޭ ޚާއްޞަ ރައްކާތެރިކަމާއި، މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ގެންގުޅެންޖެހޭ އުޞޫލުތަކާއި، ހަމަތައް ކަނޑައަޅައި ބަޔާންކުރުމުގެ ޤާނޫނެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.