ސަރުކާރުން އަންހެނުން ބާރުވެރިކުރުވުމަށް ގެންގުޅުއްވާނެ މުހިންމު ސިޔާސަތުތައް ސިޑްސްގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އިޢުލާންކުރައްވާފައިއެވެ.
އެންޓީގާ އެންޑް ބާބިޔުޑާގައި ބޭއްވި ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް (ޖީބީއެން) ފޯރަމް 2024 ގެ ނިންމުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
އެ ވާހަކަފުޅުގައި ސަރުކާރުގެ ވިސްނުމަކީ އަންހެން ވިޔަފާރިވެރިންނަށް 6.5 މިލިއަން ޑޮލަރުގެ ލޯނު ފެސިލިޓީއެއް ތައާރަފްކުރުންކަން ހާމަކުރައްވައި ރައީސް ޑރ މުއިއްޒު ވިދާޅުވީ މި 6.5 މިލިއަން ޑޮލަރުގެ ލޯނު ފެސިލިޓީ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ އަންހެނުންނަށް 25 އިންސައްތަ ސަރުކާރުން ކަނޑައަޅާނެކަމަށެވެ.
ސަރުކާރުން އަންހެނުން ބާރުވެރިކުރުވުމަށް ކުރާ މަސައްކަތްތަކާ އެއްފަދައިން ރައްޔިތުންގެ މެދުގައި ތަފާތުކުރުމެއްނެތި، އެންމެން ޝާމިލުކޮށް ރައްޔިތުން ބާރުވެރިކުރުވުމަށް އިސްކަން ދިނުމުގެ މައްޗަށްވެސް ރައީގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.
ރައީސް ވިދާޅުވީ އެންމެ ކުދި، ކުދި، އަދި މެދުފަންތީގެ ވިޔަފާރިތަކާއި، ޒުވާން ވިޔަފާރިވެރިން ކުރިއަރުވައި، އިންވެސްޓްމަންޓްތަކަށް މަގުފަހި ކޮށްދޭން ޖެހޭކަމަށެވެ.
ރައީސް އެންޓީގާ އެންޑް ބާބިޔުޑާއަށް ކުރެއްވި ދަތުރުފުޅުގައި ބައެއް ގައުމުތަކުގެ ވެރިންނާއި އިސްފަރާތްތަކާއި ބައިނަލްއަގްވާމީ ޖަމުއިއްޔާ ބައްދަލުކުރައްވައި ރާއްޖެއާ އެފަރާތްތަކާ ދެމެދު ގުޅުންބަދަހިކޮށް އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.
ބޭރު ގައުމުތަކަށް ރައީސް ކުރައްވާ ރަސްމީ ދަތުރުފުޅުތަކުގައި، ރައްޔިތުން ބާރުވެރިކުރުވުމާއި ފުދުންތެެރިކަން އިތުރުކުރުމަށް މަގު ފަހިވާނެ ފުރުޞަތުތައް ފަހިކުރެއްވުމަށް ދަނީ ހާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވަމުންނެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.