1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޞިއްޙަތު

ޕްރީމެޗުއަރ އޯވަރިއަން ފެއިލިއާ-ކިހާވަރަކަށް މަޢުލޫމާތު އެނގޭބާ؟

Premature ovarian failure
މަރިޔަމް ނަދާ
4,286ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ކޮންމެ އަންހެނަކުވެސް މީހަކާ އިނުމަށްފަހު ދެން އެންމެ ދެކެން ބޭނުންވާނެ ދުވަހަކީ އެމީހަކަށް ދަރިއަކު ލިބޭ ދުވަސްކަން ޔަޤީނެވެ. އެހެންނަމަވެސް ތަފާތު އެކި ސަބަބުތަކާ ހުރެ ދަރިން ނުލިބޭ އަންހެނުން ނުވަތަ ފިރިހެނުން އުޅެއެވެ. އަންހެނުންނަށް ދަރިން ލިބުމަށް ހުރަސް އެޅޭ އެއް ބައްޔަކީ ޕްރީމެޗުއަރ އޯވަރިއަން ފެއިލިއާ(ޕީއޯއެފް) ނުވަތަ ޕްރިމެޗުއަރ އޯވަރިއަން އިންޝަފިސިއަންސީއެވެ. އަޅުގަނޑު ކުރި ދިރާސާތަކުން އަޅުގަނޑަށް އެނގުނީ މިއީ 35 އަހަރުން ދަށުގެ ދަރިމައިވާ އަންހެނުންގެ ތެރެއިން ދުނިޔޭގެ ނިސްބަތުން %5 އަންހެނުންނަށް ދިމާވާ ސިއްޚީ މައްސަލައެއްކަމަށެވެ.

އަޅުގަނޑަކީ އުމުރުން 13 އަހަރުގައި ހައިޟުވެފައިވާ އަންހެނަކީމެވެ. ހައިޟުގެ ދުވަސްވަރު އެންމެ ގިނައިން ދިމާވި އެއްކަމަކީ ވަރަށް ގިނަ އަންހެނުންވެސް ތަހައްމަލުކުރާގޮތަށް ބަނޑާއި، ބުރައްކަށްޓާއި ގައިގެ އެކި ތަންތަނުގައި ރިއްސުމާއި، ގިނައިން ލޭއައުމާއި އެވޭނަށް ކެތްކުރަންޖެހުމެވެ. އަޅުގަނޑު އެންމެ ފުރަތަމަ ހައިޟުވުމަށްފަހު ކޮންމެ މަހަކުވެސް ބަރާބަރަށް ހައިޟުގެ ކަންކަން ދިމާވަމުން ދިޔައެވެ. އެހެންނަމަވެސް މަތީ ތަޢުލީމު ހާސިލުކުރަމުން ދަނިކޮށް ކޮންމެވެސް ވަރަކަށް ހައިޟުގެ ކަންކަމުގައި ލަސްތަކެއް ދިމާވާން ފެށިއެވެ.

އެންމެ ފުރަތަމަ ފާހަގަކުރެވުނީ ރޯދަމަހު ހައިޟުގެ ކަންކަން ނުޖެހުމެވެ. މިކަން އަޅުގަނޑަށްވީ ވަރަށްވެސް އުފާވެރިކަން ގެނުވިކަމަކަށެވެ. ސަބަބަކަށްވީ ކޮންމެ ރޯދަމަހެއްގައިވެސް ހައިޟުނުވާތީ އެމަހުގެ ހުރިހާ ރޯދައެއް އެމަހުގައި އެއްކޮށް ހިފާ ނިންމުމާއި، އެދުވަސްވަރު ދިމާވާ ތަކުލީފުތަކާއި ކުރިމަތިލާން ނުޖެހުމުގެ ހިތްހަމަޖެހުމެވެ. އޭރު ޤަބޫލުކުރެވުނީ އެކަން އެހެން ދިމާވީ އަޅުގަނޑަކީ ރަނގަޅަށް ކެވޭ މީހަކަށް ނުވާތީއާއި، ރޯދަ ހިފުމުގެ ސަބަބުން ހަށިގަނޑަށް އައި ބަދަލުތަކެއްކަމަށެވެ. މިކަން މިހެން ދިމާވަމުން ގޮސް އެންމެ ފަހުން ހައިޟުގެ ކަންކަމުގައި ވަރަށް ބޮޑެތި ބަދަލުތަކެއް އަންނަން ފެށިއެވެ. އެގޮތުން ރޯދަ މަސްމަހުގައި ނޫން މަސްތަކުގައިވެސް ހައިޟުގެ ކަންކަން ލަސްވާން ފެށިއެވެ. ބައެއް ފަހަރު ކޮންމެ 03 މަހަކުން އެއްމަހު ނުވަތަ 04 މަހުން އެއްމަހު ހައިޟުވެއެވެ. މިކަންކަން މިހެން ދިމާވާން ފެށުމުން މަންމަގެ އެދުމަކަށް ރާއްޖެއާއި ރާއްޖެއިން ބޭރުން ޑޮކްޓަރަށް ދައްކާ ހެދީމެވެ. ކޮންމެ ފަހަރަކުވެސް ޑޮކްޓަރުން ކުރާ ސުވާލަކީ މީހަކާ އިނދެފިންތޯއާއި ހައިޟުވުމަށް ބޭސްކާން ބޭނުންވޭތޯއެވެ. އަދި އިތުރު މައްސަލައެއް ނެތްކަމަށް ބުނެއެވެ. މިގޮތުން އާއްމުކޮށް ބައެއް އަންހެނުންނަށް ދިމާވާ ޕީސީއޯއެސް ނުވަތަ އޯވަރީގައި ސިސްޓެއް ނުވަތަ ފައިބްރޮއިޑްއެއްވެސް ނެތްކަމަށް ބުނެއެވެ. އިތުރަށް މިކަމަށް ފަރުވާއެއް އޮތްކަމަށް ނުވަތަ އިތުރު ހޯމޯން ޓެސްޓުތަކެއް ހަދަން ޖެހޭކަމަށް ނުބުނެއެވެ.

300 × 250

ދުވަސްތައް ފާއިތުވަމުން ގޮސް އުމުރުން 30 އަހަރުގައި އަލަތު ކައިވެނި ކުރީމެވެ. ދެމަފިރިންގެ ގުޅުމުގެ ތެރެއިން މާބޮޑުކަމެއް ދިމާ ނުވިނަމަވެސް ވަރަށް ގިނައިން ކުޑަކަމުދާއިރު ދިލަނެގުން ފަދަ ވޭންތަކާއި ކުރިމަތިލާންޖެހުނެއެވެ. މިކަމުގެ ހަޤީގަތް ބެލުމަށް އެތައް ފަހަރަކު ޑޮކްޓަށް ދެއްކީމެވެ. މިހާ ބޮޑު ވޭނެއްގައި އުޅެންޖެހުމާއި އެކަމުގެ ސަބަބުން ދިރިއުޅުމަށް އަސަރެއް ކޮށްފާނެކަމުގެ ބިރު ކޮންމެވެސްވަރަކަށް އަޅުގަނޑަށް ކުރެވެން ފެށިއެވެ. ކޮންމެ ފަހަރަކު ޑޮކްޓަރަށް ދައްކާއިރަށް ޓެސްޓުތަކުން ނުދެއްކި ނަމަވެސް މިކަމަކީ ޔޫރިން އިންފެކްޝަންއެއްކަމަށް ބުނެ ބޭސްތަކެއް ދެއެވެ. ބޭސް ކެއުމުން މާބޮޑު ލުޔެއް ނުލިބި އެފިސޯޑްތަކެއް ހެން އެވޭނުގައި ގިނަ ދުވަސްތަކެއް އުޅެންޖެހުނެވެ. އެންމެ ފަހުން ރަށުން ޑޮކްޓަރަށް ދައްކައި ޙައްލެއް ނުލިބިގެން މާލެ ގޮސް އަންހެނުންގެ ޚާއްސަ ޑޮކްޓަރަކަށް ދައްކާލީމެވެ. ޑޮކްޓަރު ދެއްވީ ޓެސްޓްތަކެއް ހަދާލުމަށެވެ. އެޓެސްޓްތަކުގެ ނަތީޖާއާއެކު ޑޮކްޓަރަށް ދައްކާލި ދުވަހަކީ ބުނެދޭން ނޭގޭފަދަ އިހުސާސްތަކެއް ކުރުވި ދުވަހެކެވެ. އެންމެ ފުރަތަމަވެސް ރިޕޯޓް ބަލާލުމަށްފަހު ޑޮކްޓަރ ވިދާޅުވީ އަޅުގަނޑަށް ދުވަހަކުވެސް ދަރިން ނުލިބޭނެކަމަށެވެ. ކުޑަކަމުދާއިރު ދިލަ ނަގަނީ މިބަލީގެ ސަބަބުންކަމަށެވެ.އަޅުގަނޑު ޑޮކްޓަރުގާތުގައި ކުރި ސުވާލަކީ އައިވީއެފް ނުވަތަ ހިޖާމަފަދަ ފަރުވާއަކުން ލިބިދާނެތޯއެވެ. ޑޮކްޓަރު ވިދާޅުވީ އެއްގޮތަކަށްވެސް ނުލިބޭނެކަމަށެވެ.ސަބަބަކީ ޕްރީމެޗުއަރ އޯވަރިއަން ފެއިލިއާކަމަށެވެ. އަދި މިކަން މިހެން ދިމާވި ނަމަވެސް ދިރިއުޅުން ނިމުނީ ނޫންކަމަށާއި މިބައްޔާއެކު އުޅެން ދަސްކުރުމަށެވެ. އަޅުގަނޑު ތަކުރާރުކޮށް ގިނަ ސުވާލުތަކެއް ކުރުމުން ޓްރީޓޮޕްގައި އައިވީއެފްއަށް ޚާއްސަ ޑޮކްޓަރަކަށް ދައްކާލުމަށް ލަފާދެއްވިއެވެ. އަޅުގަނޑު ޖެހިގެން އައިދުވަހު ޓްރީޓޮޕްގައި ޑޮކްޓަރަށް ދައްކާލީމެވެ. ޑޮކްޓަރު ދެއްވީ ހަމަ އެއްޖަވާބެކެވެ. އަޅުގަނޑު ސުވާލުކޮށްލީމެވެ. އަޅުގަނޑަށް މިހެން ދިމާވާން ޖެހުނު ސަބަބަކީ ކޮބައިތޯއެވެ. ޑޮކްޓަރ ވިދާޅުވީ އެކިސަބަބުތަކެއް ހުރެދާނެކަމަށެވެ. އަޅުގަނޑު ޓްރީޓޮޕްއަށް ޑޮކްޓަރަށް ދައްކަން ދިޔަ ދުވަހު ދިޔައީ އަމިއްލައަށް ދިރާސާތަކެއް ހަދައިގެން މިބައްޔާ ބެހޭ މަޢުލޫމާތު ހޯދައިގެންނެވެ. އަޅުގަނޑު ކުރި ދިރާސާއިން މިފަދަ ޙާލަތުގައި ތިބި އެހެން އަންހެނުނަށްވެސް ދަރިން ލިބިފައިވާކަމާއި، ކޮންމެހެން މުހިއްމުވީ ފޮލިކަލްތައް އިތުރުވުން ނޫންކަމާއި "ކުއަލިޓީ ރަނގަޅު އެންމެ ފޮލިކަލް" އެއް އިން ނަމަވެސް ދަރިއަކު ލިބިދާނެކަމަށެވެ. އެހެންކަމުން ޑޮކްޓަރު ދެއްވި ޖަވާބާއި އެކުވެސް އަޅުގަނޑު ޑޮކްޓަރުގެ ގާތުގައި ފޮލިކަލް ހުރިތޯ ބެލުމަށް އެދުނީމެވެ. ޑޮކްޓަރު ދެއްވީ އޭ.އެމް.އެޗް( އެންޓިމުލޭރިއަން ހޯމޯން) ޓެސްޓްއެއް ހަދާލުމަށާއި ޖެނެޓިކް(ކޮރޮމޮޒޯމް) ޓެސްޓްތަކެއް ހަދާލުމަށެވެ.މިޓެސްޓްތަކުގެ ނަތީޖާ ލިބުނީ ގާތްގަނޑަކަށް 14 ވަރަކަށް ދުވަސްފަހުންނެވެ. ޖެނެޓިކް އެއްވެސް މައްސަލައެއް ނެތެވެ. އޭ.އެމް.އެޗް ހުރީ 0.01 ގައެވެ. މާނައަކީ އޯވަރިއަން ރިސާވް މަދުވުމެވެ. އަޅުގަނޑު އެކި އެކި ޑޮކްޓަރުންނަށް ދައްކަން ފެށީމެވެ. މަޝްހޫރު ގައިނޮކޮލޮޖިސްޓުންނަށެވެ. ﷲގެ ރަޙްމަތުން އުންމީދު ކަނޑާލަން ބޭނުންނުވާތީއެވެ.ނަމަވެސް ކޮންމެ ފަހަރަކުވެސް ލިބެނީ އެއްޖަވާބެކެވެ. ކުޑަކަމުދާއިރު ދިލަ ނެގުމުގެ މައްސަލާގައިވެސް ކުޑަކަމުދާ ނިޒާމުގެ ޚާއްސަ ޑޮކްޓަރަކަށް ދައްކާލި ދުވަހު ޑޮކްޓަރު ވިދާޅުވީ އެއީ އަޅުގަނޑު ޑައިގޮނޯސްކޮށްފައިވާ ބަލި ޕްރީމެޗުއަރ އޯވަރިއަން ފެއިލިއާގެ ސަބަބުން ދިމާވާ ކަމެއްކަމަށާއި، "ދިސް އިޒް އަ ޕާރޓް އޮފް ޔުއަރ ލައިފް، މޭކް އިޓް އަ ލައިފް ސްޓައިލް" ކަމަށެވެ. އަދި މިކަމަށް ދެވޭނެ ފަރުވާއެއް ނެތްކަމަށެވެ. "ވޭނާއި އެކު އުޅެން ދަސްކުރުން" މިއީ ފަސޭހަ ކަމެއް ބާއެވެ؟ އަޅުގަނޑުގެ މަންމަގެ މަންމައަކީ ދިވެހި ބޭސްވެރިކަން ކުރި މީހެކެވެ. މިވޭނުގައި އުޅެމުންދަނިކޮށް އަޅުގަނޑަށް ފަރުވާލިބުނީ މަންމަ ހަދައިދިން ދިވެހި ބޭހަކުންނެވެ. ޑޮކްޓަރީ ބޭހުން ނުލިބުނު އަދި ނުލިބޭނެކަމަށް ބުނި ފަރުވާއެކެވެ. ٱلْحَمْدُ لِلَّٰهِ އޭގެ އިތުރުން ހިޖާމާވެސް ޖަހައިގެން ފަރުވާ ލިބޭތޯ މަސައްކަތް ކުރީމެވެ.

އަޅުގަނޑަކީ ބަރުދަނުގައި 60 ކިލޯ ހުރިމީހަކީމެވެ. އެއް ޑޮކްޓަރަކު އަޅުގަނޑުގެ ގާތުގައި ވިދާޅުވީ ބަރުދަން ލުއިކޮށް ހެލްތީ ލައިފްސްޓައިލެއް ގެންގުޅުމަށެވެ. ކޮންމެ މަހަކު 02 ކިލޯ ލުއިކޮށްލިޔަސް ބަރުދަން ލުއި ކުރެވިދާނެކަމަށެވެ. މައްސަލައެއް ނެތެވެ. ރަނގަޅު ވާހަކަތަކެކެވެ. ނަމަވެސް "ތިކަހަލަ އިއްދައިން ކެނޑިފައި ތިބޭ އަންހެނުން............ތިކަމަށް ދެވޭނެ އިތުރު ފަރުވާއެއް ނެތް....އަދި ތި ޙާލަތު ދިމާވިޔަސް ދިރިއުޅުން ނިމުނީ ނޫންކަމަށް" މިފަދަ ޢިބާރާތް ބޭނުން ކުރެއްވީ ކީއްވެތޯއެވެ؟ މިހާ ހިސާބުން އަޅުގަނޑަށް އަސަރުތަކެއް ކުރުވިއެވެ.އެކަނި ހުންނަ ވަގުތުތަކުގައި ރޮއެ ހެދިޔަސް އެހެން މީހުންގެ ކުރިމަތީގައި ހިތްވަރުކޮށް އުޅުނީމެވެ. ޑިއަރ ޑޮކްޓަރެވެ. މިފަދަ ޙާލަތުގައި ތިބެނީ އިއްދައިން ކެނޑިފައި ތިބޭ އަންހެނުނެއް ނޫނެވެ. ދިރާސާއެއްކޮށް ބައްލަވާށެވެ. ރާއްޖެ އައި ވިސިޓިންގް ޑޮކްޓަރެކެވެ. ވިދާޅުވީ އެގް ޑޯނާއެއް ހޯދުމަށެވެ. މިއީ އިސްލާމީ ޝަރީޢަތް ހުއްދަ ނުކުރާކަމެއްކަމަށް ބުނުމުން ދެން ވިދާޅުވީ އެޤަޢުމަށް ދާން ހިނގާށޭ، ބަޔަކަށް ނޭގޭނެއެއް ނޫންހޭ "ކީޕް އިޓް އަ ސީކްރެޓް ބިޓުވީން ޔޫ އެންޑް ޔުއަރ ހަޒްބެންޑް" ..........

އަޅުގަނޑު ވަރަށް ހިތްވަރުކޮށްލާފައި ރާއްޖެއިން ބޭރުން ފަރުވާ ހޯދަން މަސައްކަތްތަކެއް ފެށީމެވެ. އިންޑިއާއިން ޑޮކްޓަރުވެސް ވިދާޅުވީ އަޅުގަނޑު އިން ޙާލަތުގައި ތިބޭ އަންހެނުންނަށް ދަރިމައިވުމުގެ ޗާންސެސް އޮންނާނީ %5 އާއި %15 ދެމެދުއެވެ. ﷲއަށް ޙަމްދުހުއްޓެވެ. ކޮންމެވެސް ޗާންސްއެއް އެބަ އޮތްތާއެވެ. އަޅުންނަށް އޮންނާނީ މަސައްކަތްކުރުމެވެ. ދެއްވާނީ ވަކި ފަރާތަކުންނެވެ. އަޅުގަނޑު އިންޑިއާ އިން ހެދީ "ސްޓެމް ސެލް/ބޯންމެރޯ" ކިޔާ ސަރޖަރީއެކެވެ. ކިތަންމެ ބޮޑު ހޭދައެއް ކުރަން ޖެހުނު ނަމަވެސް ޙާލަތު ބަދަލުވޭތޯ އެވެ. އޭރު އަޅުގަނޑު ހައިޟުގެ ކަންކަންތައް ނުޖެހޭތާ އެއް އަހަރުވެއްޖެއެވެ. ސަރޖަރީ ހެދިފަހުން މިހާތަނަށް 03 މަސް ފާއިތުވެފައިވާއިރު، މިދިޔަމަހު ކަނާތްފަޅީގެ އޯވަރީގައި އިން ފޮލިކަލް ބޮޑުކުރަން ދިން އިންޖެކްޝަންއަށްފަހު އެއްވެސް ބޭހަކާއި ނުލައި މިދިޔަ މަހު އަޅުގަނޑު ހައިޟުވިއެވެ. އާއްމުކޮށް ހައިޟުގެ ދުވަސްވަރުވާހެން 07 ދުވަސް ނުވިނަމަވެސް 04 ދުވަހެވެ. ٱلْحَمْدُ لِلَّٰهِ މިއީ ރަނގަޅު ފާލެއްކަމުގައި އަޅުގަނޑު އުއްމީދުކުރަމެވެ. އަޅުގަނޑުގެ މި ދަތުރު އަދި އޮތީ ކުރިއަށެވެ. إِنْ شَاءَ ٱللَّٰهُ
ޕްރީމެޗުއަރ އޯވަރިއަން ފެއިލިއާ ނުވަތަ ޕްރީމެޗުއަރ އޯވަރިއަން އިންސަފިޝެންސީގެ ބައެއް ޢަލާމާތްތައް:
1. ކޮންމެ މަހަކު ހައިޟުގެ ކަންކަން ދިމާނުވެ ގިނަދުވަސްވުން.
2. މޫޑް ސުވިންގްސް،ޑިޕްރެޝަން.
3. ޔޫޓީއައި
4. ހޮޓް ފްލެޝަސް އަދި އާދަޔާ ޚިލާފަށް ރޭގަނޑުގެ ވަގުތުތަކުގައި ދާހިއްލުން
5. ނިދުމަށް އުނދަގޫވުން
6. ވަޖައިނަލް ޑްރައިނެސް (މިކަމުގެ ސަބަބުން އަނބި/ފިރި ކަމުގެ ގުޅުމަށް އަންނަ އުނދަގޫތައް- ٱلْحَمْدُ لِلَّٰهِ މަންމަ ދިން ދިވެހި ބޭހަށްފަހު އަޅުގަނޑުގެ ޙާލަތު ވަރަށް ބޮޑަށް ބަދަލުވެއްޖެ)
7. ދަރިމައިވުމަށް އުނދަގޫވުން
މީގެ އިތުރުން އަޅުގަނޑަށް ދިމާވާ ކަންކަން:
8. ބަރުދަން ލުއިކުރަން އުނދަގޫވުން
9. ހީކެރުވުން(އަޅުގަނޑަށް ދިމާވޭ ބައެއްފަހަރަށް ދާހިއްލުން އަދި އަނެއް ބައި ފަހަރަށް އަވީގައި ހުއްޓަސް ހީކެރުވުން.)
10. އާދަޔާ ޚިލާފަށް ކަންކަމުގައި ހަނދާންނެތުން.(މީހުންގެ ނަންތަކާއި، ކޮށްކޮށް ހުންނަ ކަންކަން ހަނދާން ނެތުން)

ނޯޓް: އަޅުގަނޑުގެ ވާހާކަ މިލިޔުނީ، ރާއްޖޭގައިވެސް މިޙާލަތުގައި އުޅޭ ފަރާތެއް އުޅެދާނެކަމަށް ބަލާފައެވެ. "ގާރލް، ޔޫއާރ ނޮޓް އެލޯން..ކީޕް ފައިޓިންގ" لَا يُكَلِّفُ ٱللَّهُ نَفْسًا إِلَّا وُسْعَهَا ...ހަމައެއާއެކު އެފަދަ ފަރާތެއްގެ ކާމިޔާބު ދަތުރެއް އޮތް ނަމަ އެފަދަ ވާހަކައެއްވެސް ކިޔާލަން/އަޑުއަހާލަން ބޭނުންވާތީއެވެ. فَاصْبِرْ صَبْرًا جَمِيلً ...ކެތްތެރިކަމުގެ މޭވާ ފޮނިވާނެކަން އަޤީނެވެ.إِنْ شَاءَ ٱللَّٰهُ

ނޯޓް:މިއީ ކިޔުންތެރިއަކު "ހުވަދޫ މީޑިއާ" އަށް ފޮނުއްވާފައިވާ ލިޔުމެކެވެ.

300 × 250

ޚިޔާލު (1)

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

  • ީހިތާ ހޯ

    މީބޫ ހާދަ ހިތްވަރެގަދެ ކުއްދެކެ

ގުޅުންހުރި