ގާޒާގައި، ދިވެހީންގެ އެހީގައި ވަގުތީ މިސްކިތްތައް ބިނާކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މި މިސްކިތްތައް ބިނާކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ޚިދުމަތް ޖަމިއްޔާއިން ބުނީ މި ފަހަރު ދިވެހީންގެ އެހީގައި މިސްކިތެއް ބިނާކުރީ ބިންތަކުގެ ތެރެއިން އެންމެ މާތް އެއް ބިމުގެ ބައެއް ކަމަށްވާ ގާޒާގައި ކަމަށެވެ. އެއީ ވަގުތީ މިސްކިތެއް ކަމަށްވެސް ވަނީ ބުނެފައެވެ.

ހިދުމަތް ޖަމިއްޔާ އިން ބުނީ، މި ވަގުތުގެ ޙާލަތު ނާޒުކުކަމަށްވުމުން މިއީ ވަގުތީ މިސްކިތަކަށް ވިޔަސް، ޔަޤީން ވާ ކަމަކީ ﷲ ގެ ޙަޒުރަތުން ލިބޭނޭ އަޖުރަކީ ވަގުތީ އެއްޗަކަށް ނުވާނެ ކަމަށެވެ.

މިކަހަލަ އެތައް ވަގުތީ މިސްކިތްތައް ހެދުމުގެ މަސައްކަތް މި ވަގުވުސް ޚިދުމަތް ޖަމިއްޔާއިން ޣަައްޒާގައި ކުރިޔަށް އެބަ ގެންދެއެވެ. މިކަމުގައި ދިވެހީންގެ އެހީތެރިކަން އަދިވެސް ބޭނުންވާ ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.

އީމާންކަމާއި ކެތްތެރިކަމުގެ ކިއްލާތަކެއް ފަދަ ގާޒާގެ ރައްޔިތުން އެ މިސްކިތުގައި ނަމާދުކޮށް ﷲ ހަނދުމަ ކުރަމުން ގެންދާ މަންޒަރަކީ ބަޔާން ނުކުރެވޭ ފަދަ ފިނިކަމެއް ހިތަށް ގެނެސްދޭ ކަމެއް ކަމަށް ހިދުމަތް ޖަމިއްޔާ އިން ވަނީ ބުނެފައެވެ. ހަމައެހެންމެ އުންމީދަކީ އަދިވެސް މިފަދަ ހެޔޮކަމަކަށް އިތުރު ދޮރުތައް ހުޅުވިގެން ދިއުންކަން ފާހަގަ ކުރައްވައި ހިދުމަތް ޖަމިއްޔާ އިން ބުނީ ސިއްރާއި ފާޅުގައި އެ މަސައްކަތަށް އެހީތެރިކަން ދެއްވި އެންމެހައި ފަރާތްތަކަށް ޝުކުރު އަދާކޮށް ހެޔޮ ދުއާކުރާ ކަމުގައެވެ.