ފާއިތުވި ދެ މަސް ދުވަސްތެރޭގައި، ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 7.8 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެވިފައިވާ ކަމަށް ކަސްޓަމްސް އިން ބުނެފިއެވެ.

މިއަހަރުގެ ނިމިދިޔަ ދެމަސް، އޭޕްރިލް މަހާއި މެއި މަހުގެ ތެރޭގައި ވައިގެ މަގުން ރާއްޖެ އައި ފަސިންޖަރުން އަދި ކުރިއަރ މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕާރުސަލްތަށް ބެލުމުގެ ތެރެއިން 7.8 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށް ކަސްޓަމުން ވަނީ ބުނެފައެވެ.

ކަސްޓަމުން ބުނީ އަތުލައިގެންފައިވާ މަސްތުވާތަކެތީގެ ބާވަތްތަކަކީ، ސިންތެޓިކްކެތިނޯން އާއި ކޮކެއިން އާއި ހެރޮއިން އެވެ.

މިތަކެތި އަތުލައިގަނެފައި ވަނީ، ތަފާތު 4 މައްސަލައެއްގައި ޝައްކު ކުރެވިގެން ބެލި ބެލުމުން ކަމަށްވެސް ކަސްޓަމްސް ވަނީ ބުނެފައެވެ.

އެގޮތުން ފާއިތުވި ދެ މަސް ދުވަސް ތެރޭގައި އަތުލައިގެންފައިވާ މަސްތުވާތަކެތީގެ މަގުމަތީ އަގު 17 މިލިއަނަށް ވުރެން މަތި ވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.