މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރޮޓީ، މީރާއަށް 3.6 މިލިއަން ޑޮލަރު ދައްކަން އިންޑިއާގެ ގޯ އެއަރ އަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ. މިއީ ދިވެހި ރުފިޔާއިން އަގު ކުރާނަމަ 55.5 މިލިއަން ރުފިޔާއެވެ.
މި ޙުކުމް ކޮށްފައި ވަނީ 2022 ވަނަ އަހަރުގެ އޭޕްރީލު މަހުން ފެށިގެން 2023 ވަނަ އަހަރުގެ މާރިޗުމަހުގެ ނިިޔަލަށް އިންޑިއާގެ ގޯ އެއާއިން ދައްކަން ޖެހޭ ފީއަކާއި ޓެކުހެއް މީރާއަށް ދައްކާފައި ނުވާތީ އެވެ. މީގެ ތެރޭގައި ގޯ އެއާއިން މީރާއަށް ދައްކަން ޖެހޭ ސަރވިސް ޗާޖާއި ޑިޕާޗަރ ޓެކުހާއި ޑިވެލޮޕްމެންޓް ފީ ހިމެނެއެވެ.
ސިވިލް ކޯޓުން ހާމަ ކުރި ގޮތުގައި ގޯ އެއަރ އަށް ތިން ފަހަރެއްގެ މަތިން ދައުވާ ރައްދުކުރަން މަސައްކަތް އެކޯޓުން ވަނީ ކޮށްފައެވެ. އެގޮތުން އެކުންފުނީގެ އެޑްރެސްގެ ގޮތުގައި ކަނޑައަޅާފައިވާ މ. ނަރުގިސްއަށް ދައުވާ ފޯމް ފޮނުވުމުން އެ ކުންފުނިން ކޯޓަށް ހާޒިރުވެފައި ނުވާ ކަމަށް ކޯޓުން ވަނީ ހާމަކޮށްފަައެވެ.
އެހެންކަމަށްވުމާއެކު ސިވިލްކޯޓުން މިއަދު ގޯ އެއާއަށް ޙުކުމް ކޮށްފައި ވަނީ އެ ކުންފުނީގެ ޣައިރު ހާޒިރުގައި، މާލޭގައި ހުންނަ އެސްޓީއޯ އައިފާނު ބިލްޑިންގެ ތިން ވަނަ ފްލޯއަށް އެޑްރެސްކޮށެވެ.
މަހާރާޝްތުރާގެ މުމްބާއީގައި ހުންނަ ގޯ އެއާގެ ނަމުގައި އުފެއްދި ގޯ ފަސްޓް އަކީ ވިޔަފާރީގެ ކުންފުނި ވާޑިއާ ގްރޫޕްގެ ހިއްސާ އޮންނަ ކުންފުންޏެކެވެ. ގޯ އެއާގެ ދަތުރުތައް އެންމެ ފުރަތަމަ ފަށާފައިވަނީ 4 ނޮވެމްބަރ 2005 ވަނަ އަހަރު ކަމަށްވާއިރު، ރާއްޖެ އަށް ދަތުރު ފަށާފައިވަނީ 2018 ވަނަ އަހަރުގައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.