1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އިމިގްރޭޝަނުން، ފަލަސްތީނަށް އެއްލައްކަ ރުފިޔާ ހަދިޔާ ކޮށްފި

vml
އިމިގްރޭޝަންގެ ރެކްރިއޭޝަން ކްލަބް ކަމަށްވާ ކްލަބް އިމިގްރޭޝަންގެ ފަރާތުން އެއްލައްކަ ރުފިޔާ އައިއޭސީއާ ހަވާލުކުރުމުގެ ތެރެއިން
މަރްޔަމް ޝަފާ ސައީދު
303ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އިމިގްރޭޝަންގެ ރެކްރިއޭޝަން ކްލަބް ކަމަށްވާ ކްލަބް އިމިގްރޭޝަންގެ ފަރާތުން ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރި ވުމުގެ ގޮތުން ކުރިއަށް ގެންދިޔަ ފަންޑް ރެއިޒިން އިނީޝިއޭޓިވްގައި 100،000 ރުފިޔާ އެއްކޮށް، އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ)އާ ހަވާލު ކޮށްފިއެވެ.

އިމިގްރޭޝަން އޮފީހުގައި ބޭއްވި ހަފްލާއެއްގައި މި ފަންޑް އައިއޭސީއަށް ހަވާލު ކޮށްދެއްވީ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، މުޙައްމަދު ޝަމްޢާން ވަޙީދުއެވެ.

މި ފަންޑް ރެއިޒިން އިވެންޓާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޝަމްޢާން ވިދާޅުވީ އިމިގްރޭޝަންގެ މުވައްޒަފުން މަސައްކަތް ކުރަނީ އެއް އާއިލާއެއްގެ ގޮތުގައި ކަމަށާއި އެހީތެރިވާންޖެހޭ ކޮންމެ ކަމެއްގައި އިމިގްރޭޝަންގެ އޮފިސަރުންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބޭނެ ކަަމަށެވެ.

300 × 250

" ފަލަސްތީނަކީ އެންމެހާ ދިވެހިންގެ ހިތްތަކާ ގުޅިފައިވާ ބައެއް. އެކަމުގައި އިމިގްރޭޝަންގެ އޮފިސަރުންވެސް ތިބީ ހަމައެގޮތުގައި ފަލަސްތީނު ރައްޔިތުންނަށް އެހީވުމުގައި ދެމިތިބޭ ގޮތުގަ." ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، މުޙައްމަދު ޝަމްޢާން ވަޙީދު

އިމިގްރޭޝަނުން ހާމަކުރެއްވި ގޮތުގައި މި ފަންޑް ރެއިޒިން އިނީޝިއޭޓިވްގައި، އެ މުވައްސަސާގެ ހުރިހާ މުވައްޒަފުންގެ އެހީތެރިކަން ލިބިފައިވެއެވެ.

މި އިވެންޓާއި ގުޅޭގޮތުން ކްލަބް އިމިގްރޭޝަންގެ ނައިބު ރައީސް މުހައްމަދު އަނަސް ވިދާޅުވީ މުސްލިމް އަޚާއަށް ދިމާވާ ހިތާމައަކީ މުޅި މުސްލިމް އުއްމަތަށް ދިމާވާ ހިތާމައެއް ކަމަށާއި ފަލަސްތީނުގެ ރައްޔިތުން މި ނާމާންކަމާއި ބިރުވެރިކަމުގައި ދިރިއުޅޭތާ އެތަށް އަހަރުތަކެއް ފާއިތުވެއްޖެ ކަމަށެވެ.

" ވީމާ އަޅުގަނޑުމެން އެހީނުވެ ވަކި ކޮންބައްތޯ އެހީވާނީ؟ އިމިގްރޭޝަންގެ މުވައްޒަފުންނަކީ މިގޮތަށް ދިމާވާ ކޮންމެ ކަމެއްގައި އަބަދުވެސް އެއްބައިވަންތަކަން އިސްކޮށް ވެވެންއޮތް ހުރިހާ އެހީތެރިކަމެއް ވެދެން ތައްޔާރަށް ތިބޭ ބައެއް. އިރާދަކުރެއްވިއްޔާ ކުރިއަށްއޮތް ތަނުގައިވެސް އަޅުގަނޑުމެން ފަލަސްތީން އާރާސްތުކޮށް ފަލަސްތީން ރައްޔިތުންނަށް ހަމަޖެހޭ ދިރިއުޅުމެއް ހޯދުމަށް ވެވެން އޮތް އެހީތެރިކަމެއް ވެދޭނަން." އިމިގްރޭޝަންގެ ނައިބު ރައީސް މުހައްމަދު އަނަސް

އަދި ދުޢާއަކީ ފަލަސްތީން ރައްޔިތުންނަށް އެ މީހުންގެ ބިންތައް އަނބުރާ ލިބި އަމާން މިނިވަން ދިރިއުޅުމެއްގައި އުޅެވޭނެ މަގު ފަހިވެގެންދިޔުން ކަމުގައިވެސް އިމިގްރޭޝަންގެ ނަިއބު ރައީސް މުހައްމަދު އަނަސް ވިދާޅުވިއެވެ.

ފަލަސްތީނަށް އެހީވުމަށްޓަކައި ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދާއިރު އިސްރާއީލްގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން ހުއްޓުވުމަށްޓަކައި އިސްރާއީލްގެ ޕާސްޕޯޓް މަނާކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.

300 × 250

އިސްރާއީލްގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން ހުއްޓުވުމަށްޓަކައި ޤާނޫނުތަކަށް ގެންނަންޖެހޭ އިސްލާޙްތައް ގެނައުމަށް ވަޒީރުންގެ މަޖިލީހުން ނިންމެވުމުން، މިކަން ކުރިއަށް ގެންދިއުމަށް މިއަދު ވަނީ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއް އެކުލަވާލެއްވުމަށް ވެސް ވަނީ ނިންމަވާފައެވެ.

މީގެ އިތުރުން ފަލަސްޠީނާއި އިސްރާއީލްގެ މައްސަލައިގައި، ރާއްޖެއިން އިސްކަންދިނުމަށާއި ކޮށްދިނުމަށް ފަލަސްޠީނުން އެދޭކަންކަން ދެނެގަތުމަށް، ސްޕެޝިއަލް އެންވޯއީއެއް ކަނޑައަޅުއްވަން ނިންމަވާ ޔޫ.އެން ރިލީފް އެންޑް ވޯރކްސް އެޖެންސީ މެދުވެރިކޮށް ފަލަޞްޠީނުގެ ޙާލުގައި ޖެހިފައިވާ އަޚުންނާއި އުޚްތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ރާއްޖޭގައި ފަންޑްރައިޒް ކުރުމަށް ހަރަކާތްތަކެއް ހިންގުމަށް ވަނީ ނިންމާފައެވެ.

އެގޮތުން "ފަލަސްޠީނާއިއެކު ދިވެހިން" މި ނަމުގައި މުޅި ރާއްޖޭގައި ހިނގާލުމެއް ބޭއްވުމަށް ސަރުކާރުން ނިންމާފައިވެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި