ގްރޭޑް 6ން މަތީގެ ކުދިންނަށް ޚަޠީބުކަމުގެ ވަގުތީ ހުއްދައެއް ދިނުމަށް ނިންމައިފިއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އެކުލަވާލި އުސޫލެއްގައި ބުނެފައިވަނީ، އުމުރުން 18 އަހަރު ނުފުރޭ ކުދިންގެ ތެރެއިން ގްރޭޑް 10 ނުވަތަ ގްރޭޑް 11 ނުވަތަ ގްރޭޑް 12 ގައި ކިޔަވަމުންދާ ދަރިވަރެއް ނަމަ އެ ދަރިވަރަކަށް އިމާމުވެ ހުކުރު ކުރުމާއި ޢީދު ނަމާދާއި ކޭތަނަމާދު ކުރުމުގެ ދާއިމީ ހުއްދަ ދޭނީ، މިނިސްޓްރީން ކަނޑައަޅާ ކޮމެޓީއަކުން އަނގަބަހުން ދޭ އިމްތިޙާނަކުން ވަކި މިންގަނޑެއްގައި ފާސްވުމުން ކަމަށެވެ އެގޮތުން އެންމެ މަދުވެގެން ވެސް 75 އިންސައްތަ މާކްސް ލިބެން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި މިނިސްޓްރީން ކަނޑައަޅާ ޚަޠީބުކަމުގެ ތަމްރީނު ފުރިހަމަކޮށް އެ ތަމްރީނަށް ކަނޑައަޅައިފައިވާ ދިހަ އިންސައްތަ މާކްސް ލިބިގެން ކަމަށްވެސް އެ އުސޫލުގައި ބުނެފައިވެއެވެ. މީގެ އިތުރުން 18 އަހަރުން މަތީގެ ފަރާތްތަކަށް ހުއްދަ ދިނުމުގައި ބަލާނީ،
- އިމާމުވެ ހުކުރު ކުރުމަށް ހުއްދަ ދިނުމަށް ބަލާ އާންމު މިންގަނޑާ އެއްގޮތަށް ސާނަވީ އިމްތިޙާނަކުން ނުވަތަ އެއަށްވުރެ މަތީ އިމްތިޙާނަކުން އިސްލާމާއި ދިވެހި މި ދެ މާއްދާއިން ދަށްވެގެން “ސީ” ފާސް ލިބިފައިވުން
- ނުވަތަ އިމާމުކަމުގެ ދާއިރާއިން ދަށްވެގެން އެމްކިޔުއޭގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން،
- ނޫނީ މިނިސްޓްރީން ކަނޑައަޅާ ކޮމެޓީއަކުން އަނގަބަހުން ދޭ އިމްތިޙާނުން އެންމެ މަދުވެގެން ވެސް 85 އިންސައްތަ މާކްސް ލިބިގެން
މީގެ އިތުރުން މިނިސްޓްރީން އެކުލަވައިލި އުސޫލުގައި ބުނެފައިވަނީ، ދަރިވަރުންގެ ތެރެއިން ރީތިކޮށް ޤުރްއާން ކިޔަވަން ދަންނަ އަދި ނަމާދުގެ ޙުކުމްތައް އެނގޭ ދަރިވަރުންނަށް ތަމްރީނު ދިނުމުގެ ބޭނުމުގައި ވަގުތީ ހުއްދައެއް ދޫކުރެވިދާނެކަމަށެވެ. އެގޮތުން ހުއްދަ ދެނީ، އިމާމުވެ ހުކުރު ނަމާދާއި ޢީދުނަމާދާއި ކޭތަނަމާދު ކުރެވޭ ފެންވަރަށް ތަކެތި ދަންނަ މީހެއްކަމަށް ކައުންސިލުން ނުވަތަ މި އުސޫލުގެ ދަށުން ހުއްދަ ލިބިފައިވާ ފަރާތަކުން ކައުންސިލަށް ކަށަވަރުކޮށްދީފައިވާ ނަމައެވެ. މިނިސްޓްރީގެ އުސޫލުގައިވާ ގޮތުން އިމަމުވެ ނަމާދުކުރެވޭނެ ހާލަތްތަކަކީ އިމާމުވެ ހުކުރު ނަމާދާ ކޭތަ ނަމާދުކުރާނެ އެއްވެސް މީހަކު ނެތް ނަމަ ގާބިލް މީހަކަށް ހުއްދަ ހޯދުމަށް އެދި ކަމާގުޅޭ އިދާރާއަކުން ހުށަހެޅުމުން އެ މީހަކަށް 6 މަސް ދުވަހަށް ވުރެ އިތުރު ނުވާނެ ހުއްދައެއް ދިނުމެވެ. އަދި އެ ނަމާދުތައް ކުރަން ހުއްދަ އޮތް މީހަކު ބަލިވެއްޖެ ނަމަ އެހެން މީހަކަށް އެއް މަސް ދުވަހުގެ މުއްދަތަށް ވަގުތީ ހުއްދައެއް ދެވޭނެ ކަމަށް ބަޔާން ކޮށްފައިވެއެވެ. މީގެ އިތުރުން އެ އުސޫލުގައިވާ ގޮތުން، މި ހާލަތްތަކުގައި 65 އަހަރުން މަތީގެ މީހުންނަށް ވަގުތީ ހުއްދަ ދޫކުރާނީ އެ މީހަކަށް ސިއްހީ ގޮތުން ޒިންމާ އަދާކުރެވޭ ވަރުގެ ގާބިލްކަން ހުރި ނަމައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.