ތަފާތު އެކި ދުވަސްމަތިން ގެއްލިފައިވާ ވެހިކަލްތައް ވަގަށް ނެގިކަމަށް ތުހުމަތު ކުރެވޭ ފަރާތުގެ ނަންމަތީ 90 އަށްވުރެ ގިނަ ވެހިކަލް ރަޖިސްޓްރީކޮށްފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
މިއީ އެމްއޭސީއެލްއިން ވަގަށް ނެގި ވެހިކަލްގެ މައްސަލައިގެ ތެރެއިން ހާމަވެގެން ދިޔަ ވެހިކަލް ރެޖިސްޓްރީކުރުމުގެ މައްސަލައެކެވެ. މި ބޮޑު ސްކޭމް ކުރިއަށް ގެންގޮސްފައިވަނީ ޓްރާންސްޕޯޓާ ގުޅިގެންނެވެ.
މިކަމާ ބެހޭ މައުލޫމާތު ހާމަކޮށްފައިވަނީ މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ސުޕްރިޑެންޓް އޮފް ޕޮލިސް، އަހުމަަދު ދާއޫދުއެވެ. މި މައްސަލައިގައި ދެމީހަކު ވަނީ ހައްޔަރުކޮށްފައެވެ. މިދެމީހުންނަކީ ކ. މާލޭ، މ. މޮޑަން ކޮމެންޓް، އަހުމަދު ނިޒާމް (43އ) އަދި އެމްއޭސީއެލްގެ ސްޓާފެއް ކަމަށްވާ މ. ސީނިއަސުރުމާގެ، މުހައްމަދު ހައިޝަމް (42އ) ވަނީ މި ވަގު ވިޔަފާރި ވަރަށް ފުޅާކޮށް ކުރިއަށް ގެންގޮސްފައެވެ.
ދާއޫދު ވިދާޅުވި ގޮތުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރުގެ ވޭން ވަގަށް ނަގާފައި މައްސަލައިގެ ތަހުގީގުން ދާދި ފަހުން އަލިފާނުގެ ހާދިސާއެއް ހިނގި ގެއެއް ކަމަށްވާ ހ. ހީރާނުގެ ގްރައުންޑް ފްލޯގައި ހުރި ގަރާޖެއްގެ ތެރެއަށް ވޭން ވެއްދި މަންޒަރު ފެނިފައިވާ ކަމަށެވެ.
އަދި އެ ގަރާޖަށް ގޮސް، ގަރާޖު ކުއްޔަށް ނަގައިގެން އުޅޭ ފަރާތުގެ ހާޒިރުގައި ގަރާޖު ބަލައި ފާސްކުރިިއިރު ގަރާޖު ތެރެއިން، ގެއްލިގެން ހޯދަމުން ދިޔަ ވޭނު ފެނިފައިވާ ކަމަށް ދާއޫދު ވިދާޅުވިއެވެ. މީގެ މަހެއްހާ ދުވަސް ކުރިން ހުޅުމާލޭން ގެއްލިފައިވާ އިމިގްރޭޝަންގެ ހަތަރު ފުރޮޅިލީ އުޅަނދު ވެސް އެ ގަރާޖު ތެރެއިން ފެނިފައިވާ ކަމަށް ދާއޫދު ވަނީ ވިދާޅުވެފައެވެ.
ދާއޫދު ވިދާޅުވީ، އެކަމާއި ގުޅިގެން ބެލިބެލުމުން ވެހިކަލްގެ އަސްލު އޮޅުވާލަން އިންޖީނު ނަންބަރާއި ޗެސިސް ނަންބަރު ކަހާލާފަ، މާލޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުން އަންނަކަން އެނގިފައިވާ ކަމަށެވެ.
މިއީ ބޮޑު މައްސަލައެއް ކަމުން އިތުރަށް ތަހުގީގުކޮށް، އެބޭފުޅުންގެ ނަންމަތީގައި ހުރި ވެހިކަލްތަކުގެ އަދަދުތައް ފުލުހުން ބަލާފައިވާކަން ފާހަގަކުރައްވައި ދާއޫދު ވިދާޅުވީ ގަރާޖު ހިންގާ ފަރާތުގެ ނަންމަތީގައި 100 ވެހިކަލް ހުރި ކަމަށާއި އޭގެ ތެރޭގައި ހަތަރު ފުރޮޅުލީ 86 ވެހިކަލެއް ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ. މި 86 ވެހިކަލް ބަހާލާފައި ވާ ގޮޮތަކީ، 42 ވެހިކަލް އަހުމަދު ނިޒާމްގެ އަނބިމީހާގެ ނަމުގައި ރަޖިސްޓްރީ ކުރުމަށްފަހު ބާކީ ހުރި ވެހިކަލް ރަޖިސްޓްރީ ކޮށްފައި ވަނީ އަހުމަދު ނިޒާމުގެ ނަމުގައި ކަމަށްވެސް ދާއޫދު ވަނީ ވިދާޅުވެފައެވެ.
ދާއޫދު ވިދާޅުވީ، 86 ވެހިކަލް ރަޖިސްޓްރީ ކުރާއިރު 86 ގަރާޖު ސިޓީ މާލޭގައި އޮންނަން ޖެހޭނެ ކަމަށެވެ. ނަމަވެސް ކުރީގެ ޓްރާންސްޕޯޓް މިނިސްޓްރީ އަދި މިހާރު މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާ މެދުވެރިކޮށް ބެލި ބެލުމުން 2023 ގެ ކުރިން 2025، 2026 އަދި 2027 ވަނަ އަހަރުތަކަށް ވެސް ވެހިކަލްތައް ރަޖިސްޓްރީކޮށްދީފައިވާކަން އެނގިގެން ގޮސްފައިވާ ކަމަށް ދާއޫދު ވިދާޅުވިއެވެ.
ދާއޫދު ވިދާޅުވީ، މިމައްސަލައިގައި ހިމެނޭ ނިޒާމުގެ މައްސަލަ ތަހުގީގު ނިންމައި، ޕީޖީއަށް ފޮނުވާފައިވީ ނަމަވެސް މިއީ ބޮޑު މައްސަލައަކަށްވެފައި މިނިސްޓްރީއެއް މިކަމުގައި ހިމެނޭތީ އަދިވެސް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.