ކުރިއަށް މި އޮތް އަޟުޙާ އީދުގެ ހަރަކާތްތައް އިސްލާމްދީނުގެ އަސާސްތަކާއި އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު ނުވާނެހެން ކުރިއަށްގެންދަން ސަރުކާރުން އަންގައިފިއެވެ.

މިކަން އާންމުކުރައްވައި އިއުލާން ކުރުމަށް، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާ އިން ސިޓީ ކައުންސިލުތަކާއި އަތޮޅު ކައުންސިލުތަކާއި ރަށު ކައުންސިލުތަކަށް މިއަދު ފޮނުވި ސާކިއުލާއެއްގައި، އަޟްހާ އީދުގެ މުނާސަބަތުގައި ކުރިއަށް ގެންދާ ހަރަކާތްތައް ރޭވިފައި ހުންނަން ވާނެ އިންތައް ވަނީ ފާހަގަކޮށްފައެވެ.

އެ އިދާރާއިން ވަނީ އެ އިންތަކުން ބޭރު ނުވާނެހެން ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެދިފައެވެ.

އެގޮތުން ފާހަގަކޮށްފައިވާ ކަންކަމަކީ؛

  1.  ގާނޫނުއަސާސީގައި 'ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީން. އަދި އިސްލާމްދީނަކީ ރާއްޖޭގެ ގާނޫނުގެ މައިގަނޑު މަސްދަރު' ކަމަށް ބުނެފައުވާއިރު އީދުގެ އެންމެހައި ހަރަކާތްތައް ހުންނަންވާނީ އިސްލާމްދީނުގެ އަސާސްތަކާ ޚިލާފުނުވާނެހެން ކަމަށް ބުނެފައިވެއެވެ.
  2.  ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނުގެ 1 ވަނަ މާއްދާގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ރައްޔިތުންނަކީ މާތްވެގެންވާ އިސްލާމް ދީނުގެ އަހުލުވެރިން ކަމަށްވެފައި، އުސޫލެއްގެ ގޮތުން އެއް މަޒުހަބަކަށް އެންމެން އުޅެމުން އަންނަ އެއް ގައުމިއްޔަތެއް ހިއްސާކުރާ ބަޔަކަށް ވުމާއެކު، ދިވެހިންގެ މެދުގައި ޒަމާނުއްސުރެ އޮންނަ ދީނީ އެއްބައިވަންތަކަން ދެމެހެއްޓުމަކީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، ރާއްޖޭގެ އަމަންއަމާން ކަމާއި ސުލްހަ މަސްލަހަތު ދެމެހެއްޓުމަށްޓަކައި ކޮންމެހެން ބޭނުންކަމެއް ކަމަށްވާތީ، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމަކީ، ދިވެހި ސަރުކާރާއި ރައްޔިތުންގެ މައްޗަށް ލާޒިމު ވެގެންވާ ކަމެއް ކަމަށާ އީދުގެ އެންމެހައި ހަރަކާތްތައް ހިންގުމުގައި މި ގާނޫނަށް ރިއާޔަތްކުރުމަށް ވަނީ އެދިފައެވެ.
  3.  އާންމު އިޖުތިމާއީ މިންގަނޑުތަކާ ޚިލާފު އަމަލުތައް ހުއްޓުވުމުގެ ގާނޫނުގައި ޖިންސީ ގުނަވަނެއް ނުވަތަ ޖިންސީ ހަރަކާތެއް ސިފަކޮށްދޭ މަންޒަރު ނުވަތަ ލިޔުން އެކުލެވޭ ހެދުން ބޭނުންކުރުމާއި އިސްލާމްދީން ފިޔަވައި އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ގެންގުޅުމާއި ބޭނުންކުރުމަކީ މަނާކަމެއް ކަމަށާ އެހެން ކަމުން އެފަދަ ކަންކަމަށް މަގުފަހިނުވާނެހެން އީދުގެ ހަރަކާތްތައް ހިންގުމަށް ވެސް އެދިފައެވެ.