ދިވެހި ދައުލަތަށް ގިނަ އަހަރުތަކަކަށް ހިދުމަތް ކޮށްދެއްވި މުހައްމަދު ޒަކީ އަވަހާރަވެއްޖެއެވެ. އިއްޔެގެ ވަގުތެއްގައި ޒަކީ އަވަހާރަވެފައިވާއިރު، މަރުހޫމްއަކީ ދިވެހި ދައުލަތަށް 47 އަހަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވައި، އެކަމުގެ އަގު ދައުލަތުން ވަޒަން ކުރައްވައި އިނާމު ދެއްވާފައިވާ ހިދުމަތްތެރިއެކެވެ. މުހައްމަދު ޒަކީ ނިޔާވިއިރު އުމުރަކީ 68 އަހަރެވެ. މުހައްމަދު ޒަކީ އަވަހާރަވުމާ ގުޅިގެން ރައީސް، ޑރ. މުހައްމަދު މުއިއްޒު ވަނީ ތައުޒިޔާ ފޮނުއްވާފައެވެ. މުހައްމަދު ޒަކީގެ މައްޗަށް ކަށު ނަމާދު ކުރަން ހަމަޖެހިފައި އޮތީ މިއަދު މެންދުރު ނަމާދަށްފަހު، ހުޅުމާލޭ ސަހަރާ މިސްކިތުގައެވެ. މުހައްމަދު ޒަކީ ދިވެހި ދައުލަތަށް ހިދުމަތް ކުރައްވަން ފެއްޓެވީ 1973 ވަނަ އަހަރުގެ މާޗް މަހުގެ 3 ވަނަ ދުވަހުއެވެ. އުމުރުން 65 އަހަރު ވެގެން ޒަކީ ރިޓަޔާ ކުރެއްވީ 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހުއެވެ. އޭރު އޭނާ ހުންނެވީ ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސްގެ ސީނިއާ ޕްރިންޓިންގް ސުޕަވައިޒަރެއްގެ މަގާމުގައެވެ.

މުޙައްމަދު ޒަކީ ފުރަތަމަ އަދާކުރެއްވީ، މިނިސްޓްރީ އޮފް އެގްރިކަލްޗަރުގެ ސީއައި ޑިވިޜަންގެ ފޯމޭނެއްގެ ވަޒީފާއެވެ. އޭގެ ފަހުން، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޕިޔޯނު ކަމާއި، އެޑިޔުކޭޝަނަލް ޕްރޮޖެކްޓް އޮފީހުގެ ޕިޔޯނުކަން ކުރެއްވިއެވެ. އަދި، އެ އޮފީހުގެ ޕްރިންޓަރު ކަމާއި، އެޑިޔުކޭޝަނަލް ޑިވެލޮޕްމަންޓް ސެންޓަރުގެ ޕްރިންޓަރު ކަމާއި، ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއަރުވާ މަރުކަޒުގެ ސީނިއާ ޕްރިންޓަރުކަން ވެސް ކުރެއްވިއެވެ.

މީގެ އިތުރުން، އެ މަރުކަޒުގެ ޗާޕާބެހޭ އެހީތެރިއާކަމާއި، ފޮތް ޗާޕުކުރާ ބައިގެ ސީނިއާ ޕްރިންޓަރުކަމުގެ ވަޒީފާ އަދާކުރެއްވިއެވެ. އަދި، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ ސީނިއާ ޕްރިންޓަރުކަމާއި، ޕްރިންޓިން ސުޕަވައިޒަރުކަން ވެސް މުޙައްމަދު ޒަކީ ކުރެއްވިއެވެ.

މުޙައްމަދު ޒަކީ ދިގު މުއްދަތެއްގައި މި މަސައްކަތް ކުރެއްވިއިރު، އެއްވެސްއިރެއްގައި މައްސަލައެއް ޖެހިގެން ސުވާލެއްކުރަން ޖެހިފައިނުވާކަމަށް ގައުމީ އިނާމު އެރުވި ދުވަހު ރައީސް އޮފީހުގައި ލިޔެފައިވާ ލިޔުމުގައި ބުނެފައިވެއެވެ.