ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ނ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ބައެއް ރަށްރަށުން އޭނާއަށް މަރުހަބާ ކިޔަން މާ ބޮނޑިތަކާއެކު ފުލުހުން ނެރުމުން ތަފާތު ފާޑުކިއުން އަމާޒުވެއްޖެއެވެ.
ޓްވިޓާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަގޮތުގައި، އިމްރާން ނ. އަތޮޅު ލަންދޫއަށް ޒިޔާރަތް ކުރިއިރު، ބަނދަރު ސަރަހައްދުގައި މާ ބޮނޑި ހިފައިގެން ފުލުހުންގެ އޮފިސަރުންތަކެއް ތިބި މަންޒަރު ފެނެއެވެ.
މިފަދަ މަންޒަރުތަކަކީ ރައީސުންނާއި ވަޒީރުން ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި ރަށްރަށުގައި ދަރިވަރުންނާއި ސިވިލް ސާވިސް މުވައްޒަފުން ބޭނުން ކޮށްގެން ޒަމާނުއްސުރެ، ކުރަމުން އައިސްފައިވާ ކަންކަމެވެ. ނަމަވެސް މިއާދަ މަޑުމަޑުން ދިވެހިންގެ ތެރެއިން ވަނީ ފަނޑުވާން ފަށާފައެވެ. ފުލުހުން މިފަދަގޮތަށް މާބޮނޑި ހިފައިގެން މިނިސްޓަރަށް މަރުހަބާ ކިޔަން މީގެ ކުރިން ތިބި މަންޒަރެއް ފެނިފައި ނުވެއެވެ.
ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިނިސްޓަރު އިމްރާން ވެސް ތަކުރާރު ކުރައްވަމުން ގެންދަވަނީ އަމިއްލަފުޅަށް ފާޑުވިދާޅުވެ މަލާމާތް ކުރެއްވި އެތައް ކަމެއް ކަމަށެވެ.
https://twitter.com/em_saeed/status/1432917495166291970?s=20
"މުއައްސަސާތައް ރަނގަޅު ކުރެވޭނީ ޒުވާން އިލްމީ އަދި މި ޒަމާނުގެ ސޮފްޓްވެއާގައި ކަންކަން ރަނގަޅު ކުރަން އުޅުމުން،" މަޖާޒީ ގޮތެއްގައި އެ ކަމަށް ފާޑުވިދާޅުވެ ސައީދު ލިޔުއްވާފައިވެއެވެ.
މިނިސްޓަރ އިމްރާން ނ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި، ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދުވެސް ބައިވެރިވެ ވަޑައިގެންފައި ވެއެވެ.
މިނިސްޓަރ އިމްރާނުގެ މި ދަތުރުފުޅުގައި ނ. އަތޮޅު ކައުންސިލްއާއި އެ އަތޮޅުގެ ރަށްރަށުގެ ކައުންސިލްތަކާއި، ނ. އަތޮޅުގައި ހުރި ޕޮލިސް ސްޓޭޝަންތަކަށް ޒިޔާރަތް ކުރައްވައި އެ ތަންތަނުގެ މުވައްޒަފުންނާ ބައްދަލު ކުރެއްވިއެވެ.
ނ. މަނަދޫ ޕޮލިސް ސްޓޭޝަންގެ ބިންގާ އެޅުމާއި މާފަރު ޕޮލިސް ސްޓޭޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި ވެސް މިނިސްޓަރ އިމްރާން ބައިވެރިވެވަޑައިގެންނެވިއެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.