ގއ އަތޮޅު ކައުންސިލްގެ ރައީސް މިދިޔަ ހަފްތާގައި މާލެއަށް ކުރެއްވި ރަސްމީ ދަތުރަށްފަހު އެނބުރި އަތޮޅަށް ވަޑައިގެންފިއެވެ.
ރައީސްގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ރައީސް ވިދާޅުވީ، ދަތުރުގައި އެންމެ މުހިންމު ކަމަކަށް ކުރެވިގެން ދިޔައީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްއާއި ބައްދަލުވެ އަތޮޅުގެ ތަރައްގީއަށް ކުރަމުންދާ މަސައްކަތްތަކާ ކުރިއަށް ރޭވިފައިހުރި މަޝްރޫއުތަކާ ބެހޭގޮތުން މަޝްވަރާ ކުރުން ކަމަށެވެ. އެގޮތުން ސަރުކާރުން މިހާރު ޖިންގަވަމުން ގެންދަވާ އެކިއެކި މަޝްރޫއުތަކަށް ދިމާވެފައިވާ ހުރަސްތައް ހައްލުކުރުމާއި ދައުލަތުގެ މުއައްސަސާތަކުން ކުރައްވާ ކަންތައްތަކުގައި މިހާރު ހުރި މައްސަލަތައް ހައްލުކުރުމަށް ގިނަ މަޝްވަރާތަކެއް ކުރެވުނު ކަމަށާއި، ރައީސްވަނީ އަތޮޅުގެ ތަރައްގީގެ ހުރިހާ ކަމެއްގައިވެސް ވަރަށް ބޮޑަށް ސަމާލުކަމެއް ދެއްވައި މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައި ކަމަށެވެ.
އިތުރަށް ވާހަކަ ކުރިއަށް ގެންދަވަމުން ރައީސް ޝާހީން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އާއި ބައްދަލުކުރެއްވުމުގައި ކޫއްޑޫއާއި ވިލިނގިލި ބްރިޖްގެ މަސައްކަތަށް އިޝާރާތް ކުރެއްވި ކަމަށާއި ރައީސްގެ އެވައުދުފުޅު ފުއްދަވައިދެއްވާނެ ކަމަށް އުންމީދާއެކު ޔަގީންކަން ދެއްވި ކަމަށެވެ. މީގެ އިތުރުން ކޫއްޑޫ އެއަރޕޯޓުގެ ހާލަތު ރަގަޅު ކުރެެއްވުމަށް އަތޮޅުގެ ރިސޯޓުތަކުގެ ހިއްސާ ބޮޑު ކުރަން ޖެހޭ ކަމަށާއި މިވަގުތު އެތަން އޮތީ އެހާ ރަނގަޅު ހާލަތެއްގައި ނޫން ކަމަށް ރައީސް އަށް ދެންނެވުނު ކަމަށް ގއ އަތޮޅު ކައުންސިލް ރައީސް ވިދާޅުވިއެވެ.
ގއ އަތޮޅު ކައުންސިލްގެ ރައީސް ޝާހީން އަބްދުއްސަމަދު މިދިޔަމަހުގެ 24 އިން 30 އަށް ކުރެއްވި ދަތުރުފުޅުގައި އެކިއެކި ވުޒާރާތަކަށް ވަޑައިގެން ބައްދަލުވުންތައް ބާއްވާފައިވެއެވެ. އެބައްދަލުވުންތަކުގައި އަތޮޅުގެ ސިއްހީ ހިދުމަތްދޭ ބައެއް ތަންތަން 24 ގަޑިއިރުގެ ހިދުމަތަށް ބަދަލު ނުކުރެވިވާތީ ވީހައިވެސް އަވަހަށް އެތަންތަނުގެ ހިދުމަތް ފުޅާ ކުރެއްވުމާއި ދަނޑުވެރިކަމުގެ މަންފާ ހޯދުމާއި ދަނޑުވެރިކަމުން އުފައްދާތަކެތި ފަސޭހައިން މަރކެޓް ކުރެވޭނެ ގޮތްތަކެއް ހޯދުމަށް މަޝްވަރާ ކުރައްވާފައިވެއެވެ. މީގެ އިތުރުން އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށާ ފަޅުރަށްތައް ސާފްކުރުމުގެ ޕްރޮގްރާމެއް ހިންގުމަށް އެންވަރަމަންޓް މިނިސްޓްރީއާއެކު މަޝްވަރާ ކުރެއްވެވިއެވެ.
"އަޅުގަނޑުވާނީ ފުރުސަތު ލިބުނު މިންވަރަކުން ވަރަށް ގިނަ މަޝްވަރާއާއި މިވަގުތު ހުރި ދަތިތަކުގެ ވާހަކަ ސަރުކާރަށް ދަންނަވާފަ. އުންމީދު ކުރަނީ މިދަތުރަކީ ކާމިޔާބު ދަތުރަކަށް ވެގެންދާނެ ކަމަށް. ހާއްސަކޮށް ރައީސްވަނީ ވަރަށް ބޮޑު ޔަގީންކަމެއް ދެއްވާފަ." ގއ އަތޮޅު ކައުންސިލް ރައީސް ވިދާޅުވިއެވެ.
ރައީސް ޝާހީން ވިދާޅުވީ ސަރުކާރާއި ކަމާބެހޭ ފަރާތްތަކާއެކު ކުރެވުނު މަޝްވަރާއަކީ ލިބޭ ކާމިޔާބީއެއްކަން އެނގިގެންދާނީ މިފެށުނު މަސް ނިމި ސަރުކާރުނބް އިޖާބަދެއްވި މިންވަރަކުން ކަމަށާއި އުންމީދު ކުރަނީ މިދަތުރަކީ ކާމިޔާބު ދަތުރަކަށް ވާނެ ދަތުރެއް ކަމަށެވެ.
މިފަދަ ދަތުރުތައް އިތުރަށްވެސް ކުރަންޖެހޭ ކަމަށާއި ތަރައްގީއަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި މިފުރުސަތުގައި މާލެ ދަތުރުގައި އެއްބާރުލުންދެއްވި އެންމެހާ ފަރާތްތަކަށް ޝުކުރުދަންނަވާ ކަމުގައިވެސް ގއ އަތޮޅު ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.