1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ސިފައިންގެ 73 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުން ބާއްވައިފި

ސިފައިންގެ 73ވަނަ އަސާސީ ތަމްރީނު ކޯހުން 117 ދަރިވަރުން ވަނީ ދަސްވެނިވެފައި
މަރްޔަމް ޝަފާ ސައީދު
1,121ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާ އަލަށް ގުޅޭ ފަރާތްތައް ތަމްރީނުކުރުމަށް ހިންގި އަސާސީ ތަމްރީނު ކޯހުގެ 73 ވަނަ ބެޗުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު މިއަދު ގިރިފުށީ ޓްރެއިނިން ސެންޓަރުގައި ބާއްވައިފިއެވެ. މި ކޯހުން ޖުމްލަ 117 ދަރިވަރުން ދަސްވެނިވެފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 22 އަންހެން ދަރިވަރުންނާއި 95 ފިރިހެން ދަރިވަރުންނެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު، ޙަސަން ރަޝީދެވެ. ވަޒީރު ވަނީ ލަޝްކަރު ބަލައި ފާސްކޮށްދެއްވުމަށް ފަހު، ކޯހުން އެކި ވަނަތައް ހާސިލުކުރި ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވާފައެވެ. މި ރަސްމިއްޔާތުގައި ކޯހުގެ ދަރިވަރުންނަށް ސިފައިންގެ ޢަޒުމް ލައިދެއްވީ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްގެ ކޮމާންޑަރ، ބްރިގޭޑިއަރ ޖެނެރަލް ޑރ. ޙުސައިން އިބްރާހީމެވެ.

މި ބެޗުގެ އެންމެ މޮޅު ދަރިވަރުގެ އެވޯޑާއި ހެވިކަމަށް އެންމެ މޮޅު ދަރިވަރަށް ދޭ "ކޮމާންޑަރ އިސްމާޢީލް ދީދީ އެވޯޑް" ހާސިލުކުރީ ޕްރައިވެޓް މަހުދީ އަޙްމަދުއެވެ. ހަށިހެޔޮކަމުން އެއްވަނަ ދަރިވަރަށް ދޭ "ކޮމާންޑަރ މޮޓަރ ޙަސަން މަނިކު އެވޯޑް" ޕްރައިވެޓް ރިފާ މުޙައްމަދު ހާސިލުކުރިއިރު، އަމާޒަށް ބަޑިޖެހުމުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ ޕްރައިވެޓް މުޙައްމަދު ޝައުން ނާފިޢުއެވެ. މީގެ އިތުރުން މަޒުމޫނު ލިޔުމުގެ މުބާރާތުން އެއްވަނަ ހޯދީ ޕްރައިވެޓް އަސްލަން އިބްރާހީމް ރަޝީދުއެވެ.

300 × 250

ޕްލެޓޫންތަކުގެ ތެރެއިން މުޅި ކޯހުން އެއްވަނަ ޕްލެޓޫނަކަށް ހޮވުނީ ޝަހީދު ޢަލީރަސްގެފާނު ކޮމްޕެނީގެ ބްރާވޯ ޕްލެޓޫނެވެ. ވަކިވަކި ޕްލެޓޫންތަކުން އެއްވަނަ ހޯދި ދަރިވަރުންނަކީ ޕްރައިވެޓް މަރިޔަމް ޝާނީ (ބްރާވޯ)، ޕްރައިވެޓް ރިފާ މުޙައްމަދު (ޓެންގޯ)، ޕްރައިވެޓް އާނިމް މުޙައްމަދު (ޗާލީ) އަދި ޕްރައިވެޓް އައިޝަތު ޝާމިޒް ޢަޒީޒް (ގޮލްފް) އެވެ.

އަސާސީ ތަމްރީނު ކޯހަކީ ސިފައިންގެ ޚިދުމަތާ އަލަށް ގުޅޭ ފަރާތްތަކަށް، ސިފައިންގެ އެކި ދާއިރާތަކުގައި މަސައްކަތްކުރެވޭ ފެންވަރަށް ޢިލްމާއި ހުނަރު އުނގަންނައިދިނުމަށް ހިންގާ ކޯހެކެވެ. މި ކޯހުގެ މައިގަނޑު އަމާޒަކީ ޤައުމިއްޔަތަށް ލޯބިކުރާ، ސިފަވަންތަ، އަޚްލާޤު ރަނގަޅު އަދި އަމުރަށް ކިޔަމަންތެރިވާ ހަށިހެޔޮ ސިފައިން ބިނާކުރުމެވެ.

2026 މާރިޗު 7 ވަނަ ދުވަހުން ފެށިގެން އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްއިން ކުރިއަށްގެންދިޔަ މި ކޯހުގެ ނިންމުމުގެ ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ޖެނެރަލް އޮފިސަރުންގެ އިތުރުން ދަރިވަރުންގެ ބެލެނިވެރިން ބައިވެރިވެފައިވެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި