ސަރުކާރުގެ ސިޔާސީ މަގާމުތަކަށް މީހުން އައްޔަން ކޮށްފައިވާ އަދަދާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުން މުސާރައަށް ކުރާ ހޭދައިގެ އަދަދު ހާމަކުރުމަށް ސަރުކާރަށް ލާޒިމު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ މަޖިލީހަށް ބަލައި ނުގަނެ ބޭރު ކޮށްލައިފިއެވެ.

މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދާއި އެސްއޯއީތަކުގެ މުވައްޒަފުންގެ މުސާރަ ހާމަކުރުމަށް ގޮވާލައި، މި މައްސަލަ ހުށަހެޅުއްވީ އެމްޑީޕީގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމެވެ.

މި މައްސަލަ ހުށަހަޅުއްވަމުން މީކާއިލް ވަނީ، ރައީސްގެ މަގާމުގެ ވާޖިބު އަދާކުރުމަށް ބޭނުންވާ މަގާމުތަކަށް މީހުން އައްޔަނުކުރުމަށް ގާނޫނު އަސާސީން ދީފައިވާ އިހުތިޔާރުގެ ބޭނުންހިފައިގެން ސަރުކާރުގެ އިދާރާތަކަށް ބޭނުންވާ ވަރަށް ވުރެ އިތުރަށް އަދި އެއްވެސް ހައްދެއްނެތި ސިޔާސީ މަގާމުތަކަށް ވެސް މީހުން އައްޔަނުކުރަމުންދާތީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

އަދި ބޭނުންވާ ވަރަށް ވުރެ އިތުރަށް މީހުން ވަޒީފާތަކަށް ވައްދާފައިވާތީ، މުސާރައިގެ ގޮތުގައި އެ ކުންފުނިތަކުން ހޭދަކުރަން ޖެހޭ އަދަދު ބޮޑުވެ، އެ ކުުންފުނިތައް ހިންގުމަށް ދަތިވާ ހާލަތަށް ގޮސްފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.

މެމްބަރު މީކާއިލް އަހުމަދު ނަސީމު ހުށަހެޅުއްވި މި މައްސަލައާ މެދު ބަހުސްކުރުމަށް ނެގުނު ވޯޓުގައި މަޖިލީހުން ނިންމީ އެ މައްސަލަ ތަޅުމުން ބޭރުކޮށްލުމަށެވެ. 56 މެމްބަރުން ވޯޓު ދެއްވި އިރުު އެ މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ 11 މެމްބަރުންނެވެ.