ޙިޖުރީ އައު އަހަރު ފެށުމާ ގުޅިގެން ކައުބަތުﷲގެ “ކިސްވާ” ނުވަތަ ގެފުޅުގެ އުރަކޮޅު ބަދަލުކޮށްފިއެވެ.

2022 ގެ ކުރިން ކައުބަތުﷲގެ ކިސްވާ ބަދަލު ކުރަމުން އައި ކޮންމެ ޙައްޖު ދުވަހެއްގައެވެ. ނަމަވެސް 2022 ގެ ފަހުން ކިސްވާ ބަދަލު ކުރަމުން އަންނަނީ ކޮންމެ ހިޖުރީ އައު އަހަރު ފެށުމުގެ ގޮތުގައެވެ

ކައުބަތުﷲގެ ކިސްވާ އެކުލެވިގެންވަނީ ކައުބަތުﷲގެ ހަތަރު ފަރާތުގައި ހަރުކުރާ ހަތަރު ގަނޑު ފޮއްޗާއި، ދޮރުކޮޅުގައި ހަރުކުރާ ފަރުދާގެ މައްޗަށެވެ.

ކައުބަތުﷲގެ ކިސްވާ ބަދަލު ކުރާއިރު ކޮންމެ ފަރާތަކުން ވެސް ވަކި ފޮތިގަނޑެއް ކައުބަތުﷲގެ ކިސްވާ މައްޗަށް އަރުވައި މަތީ ކައިރީގައި ހަރުކުރުމަށްފަހު، އުރަކޮޅު މަތިން ވައްޓާލައެވެ. ހަތަރުފަރާތުން އުރަކޮޅު ވައްޓާލުމަށްފަހު ހަތަރު ފަރާތުގެ ފޮތިގަނޑު އެއް ފޮތިގަނޑު އަނެއް ފޮތިގަނޑާ ގުޅާލަނީ ފަހައިގެންނެވެ.

ކައުބަތުﷲގެ ކިސްވ އުރަކޮޅު ތައްޔާރު ކުރުމަށް 670 ކިލޯގެ މޮޅު ފަށުވި އާއި 120 ކިލޯގެ ރަން ބަރަންޏާއި، 100 ކިލޯގެ ރިހި ބަރަނި ބޭނުން ކުރެއެވެ. މި އަހަރުގެ ގެފުޅުގެ އުރަކޮޅުގެ އަގު 20 މިލިޔަން ސައުދީ ރިޔާލަށް އަރައެވެ. ކައުބަތުﷲގެ ކިސްވާ ބަދަލު ކުރުމުގައި 159 ޓެކްނީޝަނުންނާއި މާހިރުން ވަނީ ބައިވެރިވެފައެވެ. ކިސްވާ ތައްޔާރުކުރުމުގެ މަސައްކަތުގައި 200އަށްވުރެ ގިނަ މަސައްކަތު މީހުންގެ އިތުރުން އިދާރީ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.