މި އަހަރުގެ އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލް ކުރާ ދިވެހި އެތުލީޓުން، ކަށިން ހިތްވަރު ނެރޭނެ ކަމަށް ގަބޫލުފުޅު ކުރައްވާކަން ހާމަކުރެއްވުމާއެކު ރާއްޖެ އަށް ރީތި ނަން ހޯދައި ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ. ރައީސް ޑރ. މުއިއްޒު މިގޮތަށް ވިދާޅުވީ އޮލިމްޕިކްސްގައި ރާއްޖެ އިން ބައިވެރިވާ އެތުލީޓުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. އޮލިމްޕިކްސްގައި ބައިވެރިވާ އެތުލީޓުންނާ ރައީސް އޮފީހުގައި ބައްދަލުކުރައްވައި ރާއްޖޭގެ ފަރާތުން މިހާ ގިނަ އެތުލީޓުންނަށް މިފަހަރު ބައިވެރިވުމުގެ ފުރުސަތު ލިބުމަކީ ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް ކުރާ މަސައްކަތަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއްކަން ފާހަގަކުރައްވައި ރައީސް ޑރ. މުއިއްޒު އެދިވަޑައިގެންނެވީ މިފަހަރު ފަސް އެތުލީޓުން ވެސް ރާއްޖެ އަށް ރީތި ނަމެއް ގެނެސް ދިނުމަށެވެ.

trt

ރައީސް ޑރ. މުއިއްޒު މިއަދު ވާހަކަފުޅު ދައްކަވަނީ. --- ފޮޓޯ: ރައީސް އޮފީސް "އަޅުގަނޑު ޔަގީން ކުރަނީ ކަށިން ހިތްވަރު ނެރޭނެ ކަމަށް. ކުރެވުނު އެންމެ ރަނގަޅަކަށް މަސައްކަތް ކުރާނެ ކަމަށް. އެކަމުގައި އަޅުގަނޑުގެ ފުރިހަމަ ޔަގީންކަން އެބައޮތް. އަދި ރާއްޖެއަށް ރީތި ނަން ހޯދައި ދިނުމަށްޓަކައި އެންމެ ފުރިހަމައަށް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އަޅުގަނޑަށް އެބައޮތް،" ރައީސް ވިދާޅުވިއެވެ. އޮލިމްޕިކްސްގައި ރާއްޖެ އިން ހަތަރު ކުޅިވަރެއްގައި ބައިވެރިވެއެވެ.

  • ޓޭބަލް ޓެނިސްގައި ފާތިމަތު ދީމާ އަލީ
  • ދުވުމުގައި އިބާދުﷲ އާދަމް
  • ބެޑްމިންޓަނުގައި ފާތިމަތު ނަބާހާ
  • ފެތުމުގައި މުހައްމަދު އާން ހުސައިން
  • އާއިޝަތު އުލްޔާ ޝާއިގް

އޮލިމްޕިކްސްގައި ރާއްޖޭގެ ދިދަ އުފުލާލާނީ ދީމާ އާއި އިބާދުﷲއެވެ. އަންނަ ހުކުރު ދުވަހު ފްރާންސްގެ ވެރިރަށް ޕެރިހުގައި ފަށާ އޮލިމްޕިކްސް އަކީ ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ހަރަކާތެވެ. މި ގޭމްސްގައި 32 ކުޅިވަރެއްގެ 329 އިވެންޓް އޮންނާނެއެވެ.