ކަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލްގެ މަގާމުގައި ހުންނެވި ޔޫސުފް މާނިއު އެ މަގާމުން ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް ބަދަލުކޮށްފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ‘އެކްސް’ ގައި ކުރެއްވި ޕޯސްޓެއްގައި، ރައީސް ޑރ މުހައްމަދު މުއިއްޒު، ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް އަދި ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް މާނިޔު ބަދަލުކޮށްފައިވާ ކަމަށެވެ
ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމުގެ މަގާމުން މާނިއު ބަދަލު ކުރި ސީދާ ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.
ކަސްޓަމްސްގެ ވެރިއަކަށް މާނިޔު އައްޔަނުކުރީ މިިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު އެވެ. ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނުގެ ރައީސްކަން ވެސް ކުރައްވާފައިވާ މާނިއު މީގެކުރިން ވަނީ އޮޑިޓާ ޖެނެރަލް އޮފީހާއި އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގައި ވެސް މަސައްކަތް ކުރައްވާފައެވެ. އަދި ކަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލްގެ މަގާމުގައި ހުންނެވި މަދު ދުވަސްކޮޅުގައި އެދެވޭ ކުރިއެރުންތަކެއް އެދާއިރާގެ މަސައްކަތްތަކަށް ގެންނަވާފައިވާކަން ފާހަގަ ކުރެވެއެވެ.
އެގޮތުން ދާދި ފަހުން ރާއްޖެ އަންނަ ވެސެލްސްތައް މޮނީޓާ ކުރެވޭނެ އެއްވެސް ގޮތެއް ނޯންނާތީވެ، އެމެރިކާއިންނާއި ޗައިނާއިން ޑްރޯން ގެންނަން މަސައްކަތް ކުރަމުންދާ ކަމަށާއި ކަސްޓަމަށް ވަސީލަތްތައް އިތުރުކުރަން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިއަށް އޮތް ތަނުގައި ޖަޕާން ސަރުކާރުގެ އެހީގައި 85 ފޫޓުގެ އުޅަނދެއް ލިބޭނެ ކަމަށާއި އަދި ޗައިނާ ސަރުކާރާ އެކު ކުރެވެމުން އަންނަ މަޝްވަރާތަކުގެ ތެރެއިން އަންނަ އަހަރު ދެ އުޅަނދު ލިބޭނެ ކަމަށާއި އެމެރިކާއިން ވެސް އުޅަނދެއް ގެންނާނެ ކަމަށް ވެސް މާނިއު ވަނީ ކުޑަދުވަސްކޮޅެއް ކުރިން، ރައްޔިތުންގެ މަޖިލިހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައެވެ.