މިއަދަކީ އަންހެންބޭފުޅަކުގެ ހުތުބާއެއް އިވިގެންދިޔަ ތާރީޚީދުވަހެއް ކަމަށް ވިދާޅުވުމާއެކު، ވަޒީރު އައިޝަތުޝިހާމް އުސްތާޒާ ހައްވާލަތީފަށް މަރުހަބާ ދަންނަވައިފިއެވެ.
މިއަދު ހުކުރު ދުވަހަކީ ދިވެހިރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އަންހެންބޭފުޅަކު ލިޔުއްވާފައިވާ ހުކުރު ހުތުބާއެއް އިއްވިގެންދިޔަ ދުވަހެވެ. މިކަމާ ގުޅިގެން އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އާއިޝަތު ޝިހާމް ވަނީ އުފާފާޅުކުރައްވާ، މި ތާރީޚީ ހުތުބާ ލިޔުއްވި އަލްއުސްތާޒާ ހައްވާލަތީފަށް މަރުހަބާ ދަންނަވާފައެވެ.
ވަޒީރު ޝިހާމް ވިދާޅުވީ މި ހުތުބާ ބިނާކުރެވިފައިވަނީ އާއިލީ ގުޅުންތައް ދެމެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށެވެ. އަދި މިފަދަ ފުރުސަތެއް އަންހެންބޭފުޅަކަށް ލިބިގެންދިޔުމަކީ އަންހެނުންނަށް ހަމަހަމަ ފުރުސަތުތައް ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ ނަތީޖާއެއް ކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، މި ފުރުސަތު ފަހިކޮށްދެއްވި އިސްލާމީ ކަންތައްތަކާބެހޭ އެންމެ އިސްވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށްވެސް ވަޒީރު ޝިހާމް ވަނީ ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ.
އުސްތާޒާ ހައްވާލަތީފަކީ މަޢުހަދުން ތައުލީމު ހާސިލުކުރެއްވުމަށްފަހު، މިސްރުގެ އަޒްހަރު ޔުނިވާސިޓީން ޑިގްރީނިންމަވައި، މެލޭޝިޔާގެ އިސްލާމިކް ޔުނިވާސިޓީން މާސްޓާސް ނިންމަވައިގެން އިންނެވި އަދި މިހާރު ޕީއެޗްޑީއަށް ތައްޔާރުވަމުންދާ ފަރާތެކެވެ.
މި ތާރީޚީ ހާދިސާއަކީ ދިވެހިރާއްޖޭގައި އަންހެނުންގެ ދައުރު އިތުރަށް ފުޅާވެގެންދާކަމުގެ ހެއްކެއްކަމަށް ބެލެވެއެވެ. އަދި މިކަމަކީ އެކި ދާއިރާތަކުން އަންހެނުންނަށް ލިބޭ ފުރުސަތުތައް އިތުރުވެ، އެފަރާތްތަކުގެ ޝަރަފާއި ގަދަރު އުފުލިގެންދާނެ ކަމެއްކަމަށް އުއްމީދުކުރެވެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.