އިންޑިއާ ސަރުކާރުން މިއަދު ވަރޗުއަލްކޮށް ބޭއްވި ތިންވަނަ ވޮއިސް އޮފް ގްލޯބަލް ސައުތު ސަމިޓްގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރު ބައިވެރިވެވަޑައިގެން ތަޤްރީރުކުރައްވައިފިއެވެ. "ޗާރޓިންގ އަ ނިއު ޕެރެޑައިމް ފޮރ ގްލޯބަލް ސައުތު" މި ޝިޢާރުގެ ދަށުން ބޭއްވުނު މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ޚާރިޖީ ވަޒީރު މޫސާ ޒަމީރު 2023 ވަނަ އަހަރު ގްރޫޕް އޮފް 20 (ޖީ20)ގެ ރިޔާސަތުގައި އިންޑިއާއިން އަދާކުރި ފުރިހަމަ ދައުރާއި އިންޑިއާގެ އިސްނެގުމުގެ ދަށުން ތަޢާރަފުކުރި މުހިންމު ހަރަކާތްތަކަށް މަރުޙަބާ ދެންނެވިއެވެ. އަދި މި ހަރަކާތްތަކުގެ ސަބަބުން ޖީ20ގެ މެމްބަރު ޤައުމުތަކުގެ އިތުރުން ޖީ20ގައި ނުހިމެނޭ، ވަކިން ޚާއްޞަކޮށް ގްލޯބަލް ސައުތުއަށް ނިސްބަތްވާ ޤައުމުތަކަށް ލިބިގެން ދިޔަ މަންފާ ފާހަގަކުރައްވާ ޝުކުރު އަދާކުރެއްވިއެވެ. ޚާރިޖީ ވަޒީރުގެ ތަޤްރީރުގައި، ގްލޯބަލް ސައުތުގެ ޤައުމުތަކަށް މިހާރު ދިމާވަމުންދާ ގޮންޖެހުންތަކަށް ހައްލު ހޯދުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. މީގެ ތެރޭގައި ދަރަނި އިތުރުވުމުގެ މައްސަލަ ހައްލުކުރުމާއި، މަލްޓިލެޓަރަލް ފްރޭމްވޯކްތައް އަދާހަމަކުރުން ހިމެނެއެވެ. އަދި ކުދި ޖަޒީރާ ޤައުމުތަކާއި ގްލޯބަލް ސައުތަށް މޫސުމީ ބަދަލުތަކުގެ އަސަރު ކުޑަކުރުމަށް މިހާރު ހައްލު ހޯދަންޖެހޭކަން ވެސް ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ތަރައްޤީގެ ތަޞައްވުރު ހާސިލުކުރުމަށް ޓެކްނޮލޮޖީގެ އައު އީޖާދުތައް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމުގެ މުހިންމުކަމާއި، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރެވޭނީ ގްލޯބަލް ސައުތާއި އެހެން ޤައުމުތަކުގެ ގުޅުން ހަރުދަނާކޮށްގެންކަން ވެސް ފާހަގަކުރެއްވިއެވެ.
އެހެން ފަހަރުތަކެކޭވެސް އެއްފަދައިން މި އަހަރުގެ ސަމިޓުވެސް އިފްތިތާހްކޮށްދެއްވާފައިވަނީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ އެވެ.
ފޮރިން މިނިސްޓަރުންގެ ސެޝަން ރިޔާސަތު ބަލަހައްޓަވާފައިވަނީ އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑރ. އެސް. ޖައިޝަންކަރްއެވެ.
މި ޖަލްސާގައި ބްރޫނާއީ، ކެމްބޯޑިއާ، ކިއުބާ، އިރާގު، ލާއޯ ޕީޑީއާރު، ލެސޯތޯ، މެލޭޝިއާ، ޕެނަމާ، ޕަޕުއާ ނިއު ގިނީ، ސޮލޮމަން އައިލެންޑްސް، ތަޖިކިސްތާން، ތުރުކުމެނިސްތާން އަދި ޓޫވާލޫ ގެ ފޮރިން މިނިސްޓަރުން ބައިވެރިވެވަޑައިގެންނެވިއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.