މާލޭ ސިޓީގައި، ސްޓެލްކޯ ހެޑް އޮފީހާއި އިންވެގެން އޮންނަ ދޮންއަދަރާދަ މަގުގައި، އިލެކްޓްރިކް ވެހިކަލް ޗާޖިންގ ސްޓޭޝަނެއް ގާއިމުކުރަން ސްޓޭޓް އިލެކްޓްރޯނިކް ކޮމްޕެނ، ސްޓެލްކޯއިން ނިންމައިފިއެވެ.

މިކަން ހާމަކުރައްވައި މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތިމާވެށީގެ ހަރުދަނާ ސިޔާސަތުފުޅުތަކުގެ ތެރެއިން ނިންމި ނިންމުމެއްކަމަށެވެ. އެގޮތުން ކާބަން ފުޓް ޕްރިންޓް ކުޑަކުރުމަށާއި، ގައުމަށާއި ދުނިޔެއަށް އަންނަ ކުރިއެރުންތަކާއިއެކު، ތިމާވެއްޓާއި ރައްޓެހި އުޅަނދުތަކަށް އޮންނަ ޑިމާންޑްބޮޑުވެ، އެފަދަ އުޅަނދުތައް ގެންގުޅެން ބޭނުންވާ ފަރާތްތަކަށާއި، އަދި މިހާރުވެސް ގެންގުޅޭ ފަރާތްތަކަށް ލުއި ފަސޭހަތައް ހޯދައިދިނުމަށް މަސައްކަތް ކުރާ ކަމަށެވެ.

އިލެކްޓްރިކް ވެހިކަލް ގެންގުޅުމަށް ހިތްވަރުދިނުމުގެ ގޮތުން ސްޓެލްކޯ ހެޑް އޮފީހާއި އިންވެގެން އޮންނަ ދޮންއަދަރާދަ މަގުގައި އިލެކްޓްރިކް ވެހިކަލް ޗާޖިން ސްޓޭޝަނެއް ގާއިމު ކުރުމަށް ނިންމާފައިވާ ކަން ފާހަގަކުރައްވައި ފަހުމީ ވިދާޅުވީ މި ކަމުގައި ސިޓީކައުންސިލާއި މަޝްވަރާކުރެވި، ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށް ވިދާޅުވިއެވެ.

މި ޗާޖިންގ ސްޓޭޝަންގެ މަސައްކަތްތައް މިހާރުވެސް ކުރަމުންދާ ކަމަށާއި، މާތްﷲގެ ވާގިފުޅާއެކު ވަރަށް އަވަސް މުސްތަޤުބަލެއްގައި ހަތަރުފުރޮޅުލީ އުޅަނދުގެ އިތުރުން ދެ ފޮރުޅުލީ އުޅަނދުތައްވެސް ޗާޖްކުރެވޭ ގޮތަށް ހަދާ މި ސްޓޭޝަންގެ ޚިދުމަތް ރައްޔިތުންނަށް ލިބިގެންދާނެ.ކަމަށް އޭނާ ވިދާޅުވިއެވެ.

ފަހުމީ ވިދާޅުވީ އަމާޒަކީ ކޮންމެ ތިން ކާރަކަށް އެއް ޗާޖިން ސްޓޭޝަން އިންސްޓޯލްކޮށްގެން ކޮރެއާގައި އޮތްފަދަ މޮޑެލްއަކަށް ރާއްޖެ ގެންދިއުން ކަމަށެވެ. މިއީ އިލެކްޓްރިކް ވެހިކަލްތައް ފުޅާދާއިރާއެއްގައި ބޭނުންކުރުމަށް އެހީތެރިވެދީ، ދެމެހެއްޓެނިވި ދަތުރުފަތުރުގެ ނިޒާމަކަށް އެހީތެރިވެދިނުމަށް ކުރެވޭ މަސައްކަތެއް ކަމަށް ފަހުމީ ވިދާޅުވިއެވެ.