ބޭންކް އޮފް މޯލްޑިވްސްއިން ޑޮލަރު ލިމިޓު ދަށްކޮށް، ޑޮލަރުގެ ހިދުމަތްދޭ އުސޫލަށް މިއަދު ހެނދުނު ގެނައި ބަދަލުތައް އުވާލީ ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭންކުގެ މެނޭޖުމެންޓުގައި އެދިވަޑައިގެންނެވުމުން ކަމަށް ސަރުކާރުން ބުނެފި އެވެ.

އިގްތިސާދީ ވުޒާރާއާއި، މާލީ ވުޒާރާ އަދި ހާރިޖީ ވުޒާރާގެ އިތުރުން ބަންޑާރަ ނައިބު މިއަދު ހަވީރު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ އިގްތިސާދީ ވަޒީރު މުހައްމަދު ސައީދު، ބީއެމްއެލްގެ ރުފިޔާ އެކައުންޓުތަކުން ޑޮލަރުގެ ހިދުމަތް ނުދިނުމަށާއި ޑޮލަރު ލިމިޓު 100 ޑޮލަރަށް ކުޑަކުރަން ނިންމީ ރައީސް ޑރ. މުއިއްޒު އެގޮތަށް އަމަލު ނުކުރުމަށް އެދިވަޑައިގެންފައި ވަނިކޮށް ކަމަށެވެ.

ވަޒީރު ވިދާޅުވި ގޮތުގައި ޑޮލަރުގެ މައްސަލައިގައި ކެބިނެޓުގައި އޮތް އިކޮނޮމިކް ކައުންސިލުން ސީދާ ބީއެމްއެލްގެ މެނޭޖުމެންޓާއެކު މަޝްވަރާތަކެއް ކުރި އެވެ. އަދި މިކަމާ ގުޅިގެން މިވަގުތަށް އެއްވެސް ފިޔަވަޅެއް ނާޅައި މަޑުކުރަން ދެ ފަރާތުން ވާހަކަ ދައްކައިގެން ނިންމި އެވެ.

ވަޒީރު ސައީދު ވިދާޅުވީ ބީއެމްއެލް ތެރޭގައި ކުއްލިއަކަށް މިހާލަތު ބަދަލުވިގޮތް ދެނެގަންނަން އަމަލު ކުރަންޖެހޭނީ ކޯޕަރޭޓް ގަވަނެންސް އުސޫލުން ކަމަށެވެ. ސަރުކާރުގެ ހިއްސާ އޮތްނަމަވެސް ބޭންކުން ނިންމާ ނިންމުންތަކަށް ސަރުކާރުން ފުރުސަތު ދޭނެ ކަމަށާއި އިންޓަވީން ކުރަނީ އެފަދަ ހާލަތެއް މެދުވެރިވުމުން ކަމަށެވެ.

ބޭންކުގެ ނިންމުން މިއަދު ހަވީރު ވަނީ ބަދަލުކޮށްފަ އެވެ. އެއާއެކު ކުރިންވެސް ޑޮލަރު ދޫކުރަމުން ދިޔަ އުސޫލުތަކަށް އަމަލު ކުރާނެ އެވެ. މިގޮތަށް ނިންމުން ބަދަލު ކުރިއިރު އެމްއެމްއޭއިން ބޭންކަށް ދިނީ ކޮން ޔަގީންކަމެއްތޯ އެހުމުން ވަޒީރު ވިދާޅުވީ އެކަންކަމުގެ ތަފްސީލަށް ދެވޭނީ މަޝްވަރާތައް ނިމުމުން ކަމަށެވެ.