ވޯލްޑް ޖޫނިޔާ ޝެފް ޗެލެންޖް 2024ގައި ފަނޑިޔާރުކަން ކުރުމުގެ ފުރުޞަތު މަޝްހޫރު ދިވެހި ޝެފް މަހާ ނަސީރަށް ލިބިއްޖެއެވެ.

ބައިނަލްއަގުވާމީ ގިނަ ޝެފް ފަނޑިޔާރުން ބައިވެރިވާ، ބާރަ ގައުމެއްގެ ޝެފް ޓީމުތަކާއި، ތައިލެންޑުގެ ހަތަރު ޓީމެއް ވާދަކުރާ މުބާރާތުގައި ދިވެހިރާއްޖޭގެ އިތުރުން ސިންގަޕޫރު، މެލޭޝިއާ، ދެކުނު ކޮރެއާ، މޮންގޯލިއާ، ކެމްބޯޑިއާ، ވިއެޓްނާމްގެ އިތުރުން އިންޑޮނޭޝިއާ، ޗައިނާ، އެމެރިކާ، އޮސްޓްރޭލިއާ އަދި ގްރީސް ވެސް މިމުބާރާތުގައި ބައިވެރިވެއެވެ.

ކުރީގެ ޝެފްސް ގިލްޑް އޮފް މޯލްޑިވްސްގެ ސެކްރެޓަރީ ޖެނެރަލްކަން ކޮށްފައިވާ މަޝްހޫރު ޝެފް މަހާ މިހާރު މަސައްކަތް ކުރަމުން ދަނީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންގެ ބޯޑް މެމްބަރެއްގެ ގޮތުގައެވެ.

ފާއިތުވި އަހަރުތަކުގެ ތެރޭގައި ކަލިނަރީގެ ދާއިރާއިން ޤައުމީ އަދި ބައިނަލްއަޤުވާމީ އެތައް އެވޯޑުތަކެއް ހާސިލްކޮށްފައިވާ މަހާ އަކީ މިހާރު ރާއްޖޭގައި ތިބި މަދު އަންހެން އެގްޒެކެޓިވް ޝެފުންގެ ތެރެއިން އެކަކަށްވާއިރު ރާއްޖެއިން މާސްޓާ ޝެފުގެ ލަގަބު ލިބުނު ފުރަތަމަ ދިވެހި ޝެފެވެ. ތައިލެންޑުގެ ބެންކޮކްގައި ކުރިއަށްދާ ވޯލްޑް ޖޫނިޔާ ޝެފް ޗެލެންޖް މުބާރާތް ކުރިއަށް ދަނީ މި މަހުގެ 28 އިން 31 އަށެވެ.