ރާއްޖޭގައި 70 އިންސައްތަ މީހުން ކޮންމެ ދުވަހަކު އިތުރަށް ލޮނު ބޭނުންކުރާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.
އެޗްޕީއޭ އިން ކުރި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ދިވެހިންގެ ކެއުމުގެ އާދައާ ގުޅޭގޮތުން ސާވޭއެއް ހަދާފައި ކަމަށެވެ. އެ ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން 70.3 އިންސައްތަ މީހުންނަކީ ދުވާލެއްގެ މައްޗަށް އިތުރަށް ލޮނު ބޭނުންކުރާ ފަރާތްތަކެއް ކަމަށް ވިދާޅުވެފައިވެއެވެ.
ލޮނު މަދުކުރުމަކީ ހިތުގެ ދުޅަހެޔޮކަމަށް ވަރަށް މުހިންމު ކަމެއް ކަމަށް ވެސް އެޗްޕީއޭއިން ވިދާޅުވެއެވެ. ލޮނުގެ ބަދަލުގައި ހާބްސް އަދި ހަވާދުގެ ބާވަތްތައް ބޭނުންކުރުމުން ސިއްހަތަށް ފައިދާ ކުރާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
ގިނައިން ލޮނުގެ ބޭނުން ކުރުމުގެ ސަބަބުން ހަށިގަނޑުގައި ރައްކާކުރާ ފެނުގެ މިންވަރު އިތުރުވެގެންދެއެވެ. ފެން ގިނަވުމުގެ ސަބަބުން ލޭގެ ވޮލިއުމް އިތުރުވެ ހިތުގެ ހިނގުން އަވަސްވެއެވެ. އަދި ލޭ މައްޗަށް ދެއެވެ.
ހިތުގެ ދުޅަހެޔޮކަމަށް ރައްކާތެރިވުމަށް ޓަކައި ރަނގަޅު ކާނާ ކެއުމުގެ ވައްޓަފާޅިއެއް ބައްޓަން ކުރަން ޖެހެއެވެ. އޭގެ ތެރޭގައި ކެއުމުގައި ތަރުކާރީއާއި މޭވާ އަދި ޕްރޮޓީންސް ހިމެނުމާއި، ސަރުބީއާއި ކޮލެސްޓްރޯލް ހިމެނޭ ކާނާ މަދުކުރުން ޖެހެއެވެ. އަދި ލޭގެ ޕްރެޝަރު ދަށްކުރުމަށް ޓަކައި ހަކުރު އަދި ލޮނު ބޭނުން ކުރާ މިންވަރު މަދުކުރަން ޖެހެއެވެ.
ކެއުމުގެ ވައްޓަފާޅި ބައްޓަން ކުރުމުގެ އިތުރުން ކަސްރަތު ކުރުމާއި ހެލިފެލިވެ އުޅުމަކީ ހިތުގެ ދުޅަހެޔޮކަމަށް ޓަކައި ފަރުވާތެރިވާން ޖެހޭ މުހިންމު އެއް ކަމެވެ. ކަސްރަތު ކުރުމުގެ ސަބަބުން ލޭ ދައުރުވުން ރަނގަޅުކޮށްދީ، ފަލަވުމާއި ލޭމައްޗަށް ދިއުން ފަދަ ނުރައްކާތެރި ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަވެ، ދުޅަހެޔޮ ސިއްހަތެއްގައި ހިތް ބެހެއްޓުމަށް އެހީތެރިވެދެއެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.