ޓެލެމެޑިސިންގެ ނުވަތަ ދުރުތާ ފަރުވާ ލިބިގަތުމުގެ ޚިދުމަތް އަލުން ފެށުމަށްޓަކައި ބޭނުންވާ ދިރާސާތަކުގެ މަސައްކަތް ކުރިއަށްދާކަމަށް ސިއްޙަތާބެހޭ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއިން ގެނެސްދިން "ދިވެހީންގެ އަޑު ދުނިޔެއަށް" މި ކަވަރޭޖްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިރުޝާދުގެ ދަށުން ރާއްޖޭގެ ހުރިހާ ރަށަކުން މެދުނުކެނޑި ސިއްހީ ފަރުވާގެ ޚިދުމަތް ހުއްޓުނަ ނުދީ ކުރިއަށް ގެންދިޔުމަށްޓަކައި މަސައްކަތްތައް ކުރައްވަމުން ގެންދަވާކަމަށެވެ.

ވަޒީރު ވިދާޅުވީ ރާއްޖެ އޮތްގޮތުން ރަށްރަށުގައި ޑޮކްޓަރެއް ނެތް ހާލަތްތަކުގައިވެސް ސިއްޙީ ޚިދުމަތް ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމަކީ މުހިއްމުކަމެއްކަމަށެވެ. އެގޮތުން ރާއްޖޭގައި ޑޮކަޓަރަށް ދެއްކުމަށް އެކި ފަހަރުމަތިން ޓެލެމެޑިސިންގެ ނިޒާމް ތަޢާރާފްކޮށްފައި އޮތްނަމަވެސް އެކަންކަން ކާމިޔާބު ވެެފައި ނެތްކަމަށް ވަޒީރު ވިދާޅުވިއެވެ.

"މިއަށް ޑެޑިކޭޓެޑް ޚާއްސަ ލައިނެއް ބޭނުން އެބަވޭ. ރާއްޖޭގައި މިހާރު ގަތްގަޑަކަށް ހުރިހާ ރަށަކީ 5ޖީގެ ޚިދުމަތް ލިބޭ ރަށްރަށް. ނޫނިއްޔާ ފައިބަރ ކޭބަލް އެޅިފައިހުރި ރަށްރަށް." ސިއްޙަތާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވިއެވެއެވެ.

ޓެލެމެޑިސިންގެ ޚިދުމަތަކީ ރަށުގައި ތިބެގެން ރަށުން ބޭރުގައި ޚިދުމަތްދޭ ޑޮކްޓަރުންނާއި ވަރޗުއަލްކޮށް ބައްދަލުކޮށް ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމް ހަމަޖެއްސައިދޭ ޚިދުމަތެކެވެ. މި ޚިދުމަތުގެ ސަބަބުން ބން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށްދާ ގިނަ ބަޔަކަށް އެތަކެއް ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.