ދީބާޖާއަށް ދީފައިވަނީ ހައްގު ނޫން ބަދަލެއް ކަމަށާއި މިކަމުގައި ޒިންމާވާ ފަރާތްތަކާމެދު ތަހުގީގެއް ކުރަން ޖެހޭ ކަމަށް އޮޑިޓް ރިޕޯޓު ގައި ބުނެފިއެވެ. އުތުރު ޕްރޮވިންސްގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެކު ހެދި އެއްބަސްވުން އުވާލުމާ ގުޅިގެން، އެ ކުންފުންޏަށް ދޭން ޖެހޭ ވަރަށް ވުރެ އިތުރު ބަދަލެއް ނިމިދިޔަ ސަރުކާރުން ދީފައިވާ ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުނު އޮޑިޓް ރިޕޯޓެއްގައި ބުނެފައިވެއެވެ. އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، 64 މިލިއަން ރުފިޔާގެ ބަދަލު ކަނޑައެޅުމުގައި، އެއްބަސްވުން ދެމިއޮތް މުއްދަތުގެ ތެރޭގައި ކުންފުނިން ކުރި އަސްލު ހަރަދުތަކާއި، ކުންފުނީގެ ވިޔަފާރީގެ މާލީ ހިސާބުތަކަށާއި، ދަތުރުފަތުރުގެ އެއްބަސްވުމުގެ ދަށުން ކުންފުންޏަށް ލިބުނު އެހެނިހެން މަންފާތަކުގެ އަގަށް ރިއާޔަތްކޮށްފައި ނުވެއެވެ. ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި:

  • ކެޕިޓަލް އަލް އިންވެސްޓްމަންޓްގެ ގޮތުގައި 14.7 މިލިއަން ރުފިޔާ ނަގައިދިނުމަށް ކަނޑައެޅިއިރު، އޭގެ ތެރެއިން 11.9 މިލިއަން ރުފިޔާއަކީ ދީބާޖާއާއި އަމިއްލަ އެހެން ކުންފުންޏަކާ ދެމެދު ފެރީ އުޅަނދުތައް ބަނުމަށް ހަދާފައިވާ އެއްބަސްވުމެއްގެ ޖުމުލަ އަގެވެ.
  • ރާއްޖެއިން ބޭރުން ގެނެސްފައިވާ ތަކެތީގެ އަގަށް 2.7 މިލިއަން ރުފިޔާ ނަގައިދިނުމަށް ކަނޑައެޅިއިރު، އެތަކެތިން ދީބާޖާއަށް ލިބުނު މާލީ މަންފާއަށް ރިއާޔަތްކޮށްފައި ނުވެއެވެ.
  • ދަތުރުފަތުރުގެ އެއްބަސްވުން ދެމިއޮތް 3 އަހަރުގެ މުއްދަތުގެ ތެރޭގައި 49.5 މިލިއަން ރުފިޔާ ދޭން ކަނޑައަޅާފައި ވަނީ އަންދާޒާ ކުރެވުނު އަދަދުތަކަކަށް ބިނާކޮށް ކަމަށާއި، އަސްލު ހަރަދަށް ރިއާޔަތްކޮށްފައި ނުވެއެވެ.

އޮޑިޓް ރިޕޯޓުގައި އިތުރަށް ބުނެފައިވަނީ، ދީބާޖާއަށް އެންމެ ގިނަވެގެންވެސް ލިބޭނެ ގެއްލުމުގެ އަގަކީ ގާތްގަނޑަކަށް 48 މިލިއަން ރުފިޔާ ކަމަށެވެ. ނަމަވެސް، ރ. ކުޑަކުރަތު ރިސޯޓް ތަރައްގީކުރުމުގެ ހައްގު 65.5 މިލިއަިލިއަން ރުފިޔާއަށް ވިއްކާލުމުން ދީބާޖާއަށް ލިބުނު މަންފާ އެ ގެއްލުމަށްވުރެ ބޮޑުކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެހެންކަމުން، 64 މިލިއަން ިއަން ރުފިޔާގެ ބަދަލެއް ދިނުމަކީ ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިގެންދާނެ ކަމެއްކަމަށާއި، ދައުލަތުން އިތުރު މާލީ ބަދަލެއް އެ ކުންފުންޏަށް ނަގައިދޭންޖެހޭނެ ކަމަށް ނުދެކޭ ކަމަށް ނުދެކޭ ކަމަށްވެސް އެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. މި މައްސަލައިގައި އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވަނީ ދެ މުހިންމު ހުށަހެޅުމެއް ހުށަހަޅާފައެވެ:

  • ދީބާޖާއަށް ދީފައިވާ ފައިސާ އަނބުރާ ހޯދުމަށް މަސައްކަތްކުރުން.
  • އެ ކުންފުންޏަށް ދޭން ނުޖެހޭ ފައިސާ ދިނުމުގައި ޒިންމާވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށްޓަކައި ތަހުގީގު ކުރުން.

މި ރިޕޯޓުގައި، ދީބާޖާއަށް ދޫކުރެވިފައިވާ ފައިސާ އަނބުރާ ހޯދުމަށާއި، އެ ކުންފުންޏަށް ހައްގު ވެގެން ނުވާ ފައިސާ ދޫކުރުމުގައި ޒިންމާ ވާން ޖެހޭ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމަށްޓަކައި، ތަފްސީލީ ތަހުގީގެއް ކުރިއަށް ގެންދިއުމަށް ވަނީ ގޮވާލާފައެވެ.