ސަރުކާރު ހިއްސާވާ ކުންފުނިތަކަށް (އެސްއޯއީ) 2023 ވަނަ އަހަރު ސަބްސިޑީގެ ގޮތުގައި 3.9 ބިލިއަން ރުފިޔާ ދީފައިވާކަމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ އަހަރީ މާލީ މުރާޖައާ ރިޕޯޓުން ހާމަވެއްޖެއެވެ.
ޕީސީބީގެ ރިޕޯޓުގައިވާ ގޮތުން، މިނިސްޓްރީ އޮފް ފިނޭންސްއިން ވަނީ 2023 ވަނަ އަހަރު ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކަކަށް ސަބްސިޑީ، ކެޕިޓަލް ހަރަދު އަދި ގްރާންޓުގެ ގޮތުގައި ބޮޑު އަދަދެއްގެ ފައިސާ ދޫކޮށްފައެވެ. މީގެ ތެރޭގައި ކެޕިޓަލް ޚަރަދުގެ ގޮތުގައި 833.1 މިލިއަން ރުފިޔާ އާއި، ސަބްސިޑީގެ ގޮތުގައި 3.9 ބިލިއަން ރުފިޔާގެ އިތުރުން ގްރާންޓުގެ ގޮތުގައި 192 މިލިއަނަށްވުރެ ގިނަ ރުފިޔާ ހިމެނެއެވެ.
ކެޕިޓަލް ހަރަދުގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ލިބިފައިވަނީ ފަންޑް މެނޭޖްމަންޓް ކުންފުންޏަށެވެ. މި ކުންފުންޏަށް 286.1 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. އޭގެ ފަހަތުން އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނަށް 100 މިލިއަން ރުފިޔާ އަދި އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓަށް 77.1 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ.
ސަބްސިޑީގެ ގޮތުގައި އެންމެ ގިނަ ފައިސާ ލިބިފައިވަނީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އަށެވެ. މި ކުންފުންޏަށް 2.3 ބިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. އެސްޓީއޯއަކީ ރާއްޖެއަށް ބޭނުންވާ ތެޔޮ، ކާޑުގެ ބާވަތްތައް އަދި ސިއްޙީ އާލާތްތައް އެތެރެކުރާ މައި ކުންފުނި ކަމުގައިވުމުން މި ކުންފުންޏަށް އެންމެ ބޮޑު އަދަދެއް ދޫކޮށްފައިވަނީ ކަމަށް ބެލެވެއެވެ.
ގްރާންޓުގެ ގޮތުގައި އެންމެ ގިނަ ފައިސާ ދޫކޮށްފައިވަނީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އަށެވެ. މި ކުންފުންޏަށް 100.8 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، ޕަބްލިކް ސަރވިސް މީޑިއާއަށް 81.7 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.