މާލެ ކައިރީ އޮންނަ ގަލުފަޅުގައި "ނޫވެލި" ނަމުގައި ލަގްޒަރީ ގެތަކެއް ތަރައްގީ ކުރުމަށާއި ކިނާރިއާ'ޑެސްޓިނޭޝަން އައިލެންޑްގެ ނަމުގައި ކުޑަގިރިފަޅުގައި ރަށެއް ތަރައްގީކުރަަން ނިންމައިފިއެވެ.
މި ދެ މަޝްރޫއު ހިމެނެނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރިއަށް ގެންދިއުމަށް ކަނޑައަޅާފައިވާ ބޮޑެތި މަޝްރޫއުތަކުގެ ތެރޭގައެވެ.
އިއްޔެ ރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި އެޗްޑީސީގެ "ކީ ޕްރޮޖެކްޓްސް" ލޯންޗުކޮށްދެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، މުހަޙައްމަދު ސައީދެވެ. މި ރަސްމިއްޔާތުގައި ޖުމްލަ 15 މަޝްރޫއެއް ވަނީ ލޯންޗުކޮށްފައެވެ.
"ނޫވެލި" މަޝްރޫއުގެ ދަށުން، މާލެއާ 10 މިނެޓު ދުރުގައި އޮންނަ ގަލުފަޅުގައި ލެގޫން ވިއު ފެންނަ 31 ޔުނިޓާއި، ހޮރައިޒަން ވިއު ފެންނަ 31 ޔުނިޓު އަދި 39 ގެސްޓް ވިލާ ތަރައްގީ ކުރެވިގެންދާނެ ކަމަށް އެޗްޑީސީން މައުލޫމާތު ދީފައިވެއެވެ.
އަދި މި ސަރަހައްދުގައި ވޯޓަރ ސްޕޯޓްސް، ޑައިވް ސެންޓަރު، ރެކްރިއޭޝަނަލް ސްޕޭސަސް، ބޯލް ގޭމްސް އަދި ކޮމާޝަލް ޕްލާޒާ ހިމެނޭގޮތަށް ތަފާތު ވަސީލަތްތައް ގާއިމު ކުރެވޭނެއެވެ.
އެޗްޑީސީން ފާހަގަކޮށްފައިވާ ގޮތުގައި މި ޕްރޮޖެކްޓުގެ ސަބަބުން ކައިރި ސަރަހައްދުގެ ވިޔަފާރިތައް ފުޅާކުރުމަށް މަގުފަހިވާނެއެވެ. ހަމަމިއާއެކު، ކުޑަގިރި ފަޅުގައި "ކިނާރިއާ" ޑެސްޓިނޭޝަން އައިލެންޑްގެ ނަމުގައި ޓޫރިޒަމާއި، މުނިފޫހި ފިލުވުމާއި، ކޭމްޕިންގ އަދި ހިތްހަމަޖައްސާލުމަށް އެކަށޭނަ ރަށެއް ތަރައްގީ ކުރުމަށްވެސް ވަނީ ނިންމާފައެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.