އިންތިހާބު ވާ ޕާޓީނޫން ޕާތީއަކަށް ބަދަލުވެއްޖެ ނަމަ ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ ގޮނޑި ގެއްލޭ އިސްލާހު ރައީސް ތަސްދީގު ކުރައްވައިފިއެވެ.
ރޭގެ ވަގުތެއްގައި ގާނޫނު އަސާސީއަށް އިސްލާހު ހުށައެޅުއްވުމަށް ސަރުކާރުގެ ފަރާތުން ނިންމެވުމާއި ގުޅިގެން ވަގުތުން އެ އިސްލާހު ވަނީ މަޖިލީހުގެ ތަޅުމަށް ހުށައަޅާފައެވެ. އަދި މިއަދު ވަނީ އިސްލާހުގެ ބަހުސް މަރުހަލާއާއި ކޮމެޓީ މަރުހަލާ ނިންމައި މުޅި މަޖިލީހުގެ ވޯޓަށް އަހާފައެވެ.
މަޖިލީހުން ބިލު ފާސްކޮށްފައި ވަނީ ހަވީރު އެވެ. ފާސް ކުރުމަށް 78 މެންބަރުން ވޯޓު ދެއްވިއިރު، ބިލާ ދެކޮޅަށް 13 މެންބަރަކު ވޯޓު ދެއްވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިއަދު ތަސްދީޤުކުރެއްވި ބިލުގައި މެމްބަރުންގެ ގޮނޑި ގެއްލޭ އުސޫލުގެ އިތުރުން، މަޖިލީހުގެ ރުހުން ނުހޯދައި ކަނޑުގެ ސަރަހައްދަށް އުނިކަން ލިބޭނެ އެއްވެސް ކަމެއް ނުކުރެވޭ ގޮތް ހެދުމާއި މަޖިލީހުގެ ރުހުންނެތި އަސްކަރީ ބޭނުންތަކަށް ރާއްޖޭގެ އެއްވެސް ސަރަހައްދެއް ނުދެވޭގޮތަށްވެސް ވަނީ ހިމަނާފައެވެ.
ޤާނޫނުއަސާސީ އިސްލާޙު ގެނައުމުގެ ބިލަކީ ވެރިކަންކުރާ ޕީއެންސީގެ ޕީޖީ ގްރޫޕްގެ މެމްބަރު، ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ހުށަހެޅުއްވި އިސްލާހެކެވެ. މި ބިލު ފާސްވީ އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 91 މެމްބަރުންގެ ތެރެއިން 78 މެމްބަރުންގެ އަޤްލަބިއްޔަތުންނެވެ. ބިލު ފާސްކުރުމަށް ނުފެންނަކަމަށް ވޯޓް ދެއްވީ 13 މެމްބަރުންނެވެ.
ޤާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލުގައި 3 ކަމެއް ހިމެނޭއިރު، އޭގެތެރޭގައި ވަކި ސިޔާސީ ޕާޓީއެއްގެ ފަރާތުން ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވުމަށްފަހު އެ މެންބަރަކު ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވި ރައްޔިތުންގެ މަޖިލީހުގެ ޢުމުރުގެ ތެރޭގައި އެ މެންބަރަކު ތަމްސީލްކުރާ ސިޔާސީ ޕާޓީން އަމިއްލައަށް ވަކިވެއްޖެނަމަ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ކަމަށެވެ. އަދި އަމިއްލަ ގޮތުން ވާދަކޮށްގެން މަޖިލީހަށް އިންތިޚާބުވާ މެންބަރަކު، މަޖިލީހުގެ ޢުމުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވެއްޖެނަމަ މެންބަރުކަމުން ވަކިވާނެކަމަށްވެސް އިސްލާޙުގައި ބަޔާންކޮށްފައެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.