އުމްރާގެ އަޅުކަމަށް ފަހު އެނބުރި ރާއްޖެ އައިސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފިއެވެ.
މިފަދައިން އިލްތިމާސްކުރައްވާފައިވަނީ، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިންނެވެ.
އެޗްޕީއޭއިން ވަނީ، ޢުމްރާގެ އަޅުކަމަށް ފަހު ގިނަ ބަޔަކު އެނބުރި ގައުމަށް އަންނަ ދުވަސްވަރަކީ، ރާއްޖޭގައި ރޯގާތައް ގިނަވުން އާންމު ދުވަސްވަރަަކަށްވުމުން، އެ މީހުންގެ ކިބައިން ބަލިތައް ފެތުރުުމުގެ ފުރުސަތު ބޮޑުތީވެ، ޚާއްސަ ސަމާލުކަމެއް ދިނުމަށް އެދިފައެވެ.
އެގޮތުން އުމްރާއިން އެނބުރި އަންނަތާ 14 ދުވަހުގެ ތެރޭގައި ހުން އައުމާއި، ކެއްސުމާއި، ނޭވާލާން އުނދަގޫވުން ނުވަތަ މޭގައި ރިއްސުން ފަދަ އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް ޑޮކްޓަރަށް ދައްކަން ޖެހޭނެއެވެ. އަދި ޑޮކްޓަރަށް ދައްކާއިރު، އުމްރާއިން އެނބުރި އައި މީހެއްކަން ޑޮކްޓަރަށް އެންގުމަށް ވެސް އެ އިދާރާއިން ވަނީ އިރުޝާދު ދީފައިވެއެވެ.
ޑޮކްޓަރަށް ނުދައްކައި އަމިއްލައަށް އެންޓިބަޔޮޓިކް ފަދަ ބޭސްތައް ބޭނުން ނުކުރުމަކީ ވެސް މުހިންމު ކަމެއް ކަމަށް ސިއްހީ މާހިރުން ލަފާދެއްވައެވެ.
ރޯގާގެ އަލާމާތްތައް ހުރި ނަމަ ގޭގައި މަޑުކުރުމަށާއި، ކެއްސައި ކިނބިހި އަޅާއިރު އަނގަޔާއި ނޭފަތް ނިވާކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުމަށާއި، ބޭރުތެރެއަށް ނުކުންނަން ޖެހިއްޖެ ހާލަތެއްގައި މާސްކު އެޅުމަށް ވެސް އެދިފައިވެއެވެ.
ބަލިވެ އުޅޭ ނަމަ ގިނައިން ދިޔާތަކެތި ބުއިމަށާއި، އެކަށީގެންވާ ވަރަށް އަރާމުކުރުމަށް ވެސް އެޗްޕީއޭގެ އިރުޝާދުތަކުގައި ހިމަނާފައިވެއެވެ. މި ފިޔަވަޅުތަކަކީ އާންމުންގެ ތެރޭގައި ހަލުވިކަމާއެކު ރޯގާ ފެތުރުން ކުޑަކުރުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅުތައް ކަމަށް އެ އިދާރާއިން ފާހަގަކުރެއެވެ.
ރޯގާ ޖެހިފައިވާ ހާލަތުގައި އެހެން މީހުންނާ ގައިގޯޅިވެ އުޅުމުން ދުރުހެލިވުމަށް އެޗްޕީއޭއިން ވަނީ ޚާއްސަ ގޮތެއްގައި އަންގާފައެވެ. ޚާއްސަކޮށް، ރޯގާ ޖެހިފައިވާ ނަމަ ކުޑަކުދިން އުރައި، އެކުދިންގެ ކައިރިއަށް ދިއުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށް އެ އެޖެންސީން ފާހަގަކުރެއެވެ.
އުމުރުން ދުވަސްވީ މީހުންނާއި ދާއިމީ ބަލިތައް ތަހައްމަލުކުރާ މީހުންގެ ކައިރިއަށް ނުދިއުމަށާއި، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް ވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. މި ދުވަސްވަރު ރާއްޖޭގައި ވެސް އާންމު ރޯގާތައް އިތުރުވަމުންދާތީ، އެޗްޕީއޭގެ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް އެ އިދާރާއިން ވަނީ ތަކުރާރުކޮށް އަންގާފައެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.