ލޯކަލް ގަވަމެންޓު އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ރައްޔިތުންގެ މަޖިލީހުން އައްޔަންކުރަންޖެހޭ މަގާމުތަކަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ފެނިވަޑައިގަންނަވާ ދެ ބޭފުޅެއްގެ ނަންފުޅު މިއަދު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.
އެލްޖީއޭގެ ބޯޑު މެންބަރުންގެ ތެރެއިން މަޖިލީހުން އައްޔަންކުރާ ތިން މެންބަރެއްގެ ދައުރު އަންނަ ސެޕްޓެންބަރު މަހުގެ 20 ވަނަ ދުވަހަށް ހަމަވާނެއެވެ. އެ ތިން ގޮނޑީގެ ތެރެއިން މިހާތަނަށް ރައީސް ފޮނުއްވާފައިވަނީ ދެ ބޭފުޅެއްގެ ނަންފުޅެވެ.
ރައީސް ހުށަހެޅުއްވި ނަންފުޅުތަކުގެ ތެރޭގައި ހިމެނެނީ މިންތީގެ ހަމަހަމަކަން ގާއިމުކުރުމުގެ ދާއިރާއިން ތަޖުރިބާ ހާސިލުކުރައްވާފައިވާ ގދ. ގައްދޫ، ތިބްރޯޒްގެ، އާއިޝަތު އާރިފާ އާއި ޕަބްލިކް އެޑްމިނިސްޓްރޭޝަން ދާއިރާއިން ށ. ކަނޑިތީމު، ރަތްވިލާގޭ މުހައްމަދު އާރިފް އެވެ. އާއިޝަތު އާރިފާގެ ނަންފުޅު ހުށަހެޅުއްވީ ބޯޑުގެ އަންހެން މެންބަރެއްގެ ގޮތުގައެވެ. އަދި މުހައްމަދު އާރިފަކީ ލާމަރުކަޒީ ދާއިރާގެ ހިންގުމުގައި ގިނަ ދުވަހު މަސައްކަތްކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ.
އެލްޖީއޭގެ ބޯޑުގައި ކައުންސިލުތަކުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުން އިންތިހާބުކުރާ މެންބަރުން ހޮވުމަށް ކުރިއަށް އޮތް ހޮނިހިރު ދުވަހު ވޯޓު ނެގުމަށް ކުރިން ތާވަލުކުރެވުނެވެ. ނަމަވެސް، އެ ވޯޓު ނެގުމަށް ހަމަޖައްސަންޖެހޭ ބައެއް ކަންކަން ފުރިހަމަނުވާތީ މިހާރު އެ ވޯޓު ވަނީ ފަސްކޮށްފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.