ރާއްޖެއާއި ތަޖިކިސްތާން ސަރުކާރާ ދެމެދު ވިސާ އެގްޒެމްޝަން އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރީ ނިއުޔޯކުގައި ހުންނަ ތަޖިކިސްތާނުގެ ދާއިމީ މިޝަންގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ރާއްޖެއިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑޮކްޓަރު ޢަލީ ނަޞީރު މުޙައްމަދެވެ.

ތަޖިކިސްތާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، ތަޖިކިސްތާނުން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ހިކްމަތު ޖޮނިބެކް އިސްމޮއިލްއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމާއެކު މިހާރު ވެސް އަމަލުކުރަމުންދާ ޔުނިލެޓަރަލް ވިސާ-ފްރީ ރެޖީމްގެ ދަށުން ވިސާއާ ނުލައި 30 ދުވަހުގެ މުއްދަތަށް ދެ ގައުމުގެ ރައްޔިތުން ދަތުރުކުރުމަށް އޮންނަ އުސޫލު ރަސްމީވެގެންދާނެއެވެ.