އަންނަ އަހަރަކީ ކުޑަކުދިންގެ ހައްގުތަކާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރާ އަހަރަކަށް ވެގެން ދާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެއެވެ. ކޮމިޝަނަރ މިހެން ވިދާޅުވީ ދުނިޔޭގެ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އިއްޔެ ށ. ފުނަދޫގައި ބޭއްވުނު ކުޑަކުދިންގެ ހަވީރުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ސީޕީގެ ވާހަކަފުޅުގައި، ފަލަސްތީނުގެ ކުޑަކުދިންގެ ހާލަތަށް އިޝާރާތް ކުރައްވަމުން، އެ ކުދިން އެތައް ހައްގުތަކަކުން މަހުރޫމުވެ، ތަހައްމަލު ކުރަމުންދާ ދަތި އުނދަގޫތަކާއި ބިރުވެރިކަމަކީ މިފަދަ ދުވަހެއް ފާހަގަކުރާއިރު ލިބޭ ހިތްދަތިކަމެއްކަން ފާހަގަ ކުރެއްވިއެވެ.

"މި ވަގުތުވެސް ފަލަސްތީނުގެ އެތައް ކުދިންނެއް އެ ކުދިންނަށް ލިބިފައިވާ އެތައް ހައްގަކުން މަހުރޫމުވެ، އެ ހައްގުތައް ލިބޭނެ ދުވަހަކާމެދު އިންތިޒާރު ކުރަމުން އެބަދޭ. އެ ހާލަތު ބަދަލު ކުރުމަށް އަޅުގަނޑުމެންނަށް ކުރެވޭނެ ކަމަކީ، ވެވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދިނުމާއި މާތްﷲ ގެ ޙަޟްރަތުގައި ދުޢާ ދެންނެވުން،" ސީޕީ ވިދާޅުވިއެވެ.

ސީޕީ އިތުރަށް ވިދާޅުވި ގޮތުގައި، ގާނޫނުތަކުން ކުޑަކުދިންނަށް ލިބިފައިވާ އެއްވެސް ހައްގަކަށް އަރައިގަންނަ ފަރާތްތަކުގެ މައްސަލަ ބެލުމުގެ ޒިންމާ އޮންނަނީ ދިވެހި ފުލުހުންގެ މުއައްސަސާއަށެވެ. ކުޑަކުދިންނާމެދު ހިންގޭ އަނިޔާވެރި އަމަލުތައް ރާއްޖޭގައިވެސް ހިނގަމުންދާކަން ފާހަގަކުރައްވައި، މިފަދަ އަމަލުތައް ހިންގާ ފަރާތްތަކާމެދު ގާނޫނީ އިމުގެ ތެރެއިން އެންމެ ހަރުކަށި ފިޔަވަޅު އަޅާނެކަން ސީޕީ ޔަގީންކޮށްދެއްވިއެވެ. ދިވެހި ފުލުހުންގެ ހިދުމަތުގެ މަސައްކަތްތައް އަންނަ އަހަރަށް ތަރުތީބު ކުރާއިރު، އެންމެ އިސްކަންދޭ ކަންތައްތަކުގެ ތެރޭގައި ކުޑަކުދިންގެ ރައްކާތެރިކަމަށް އިސްކަންދިނުން ކަނޑައެޅިގެންދާނެ ކަމަށް ސީޕީ ވިދާޅުވިއެވެ. މިގޮތުން، ކުޑަކުދިންގެ ހައްގުތަކާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި ކުޑަކުދިންގެ ހަވީރަކީ ދިވެހި ފުލުހުންގެ ހިދުމަތާއި ޔުނިސެފާއި ށ. ފުނަދޫ މުއައްސަސާތައް ގުޅިގެން ހިންގި ހަރަކާތެކެވެ. މީގެ އިތުރުން، ދުވަހާ ގުޅުންހުރި އެހެނިހެން ހަރަކާތްތަކެއްވެސް ކުރިއަށް ގެންގޮސްފައި ވެއެވެ.