ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިން އޭޖެންސީ، މޫޑީސްއިން ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިން ދަމަހައްޓައިފިއެވެ. މޫޑީސްއިން ރާއްޖޭގެ ރޭޓިން ދެމެހެއްޓިއިރު، އެންމެފަހުން އެ އޭޖެންސީން ރާއްޖެއަށް ދީފައިވަނީ Caa2 އެވެ.

މޫޑީސްއިން ބުނާގޮތުގައި ރާއްޖޭގެ ރޭޓިން ދަމަހެއްޓުމުގެ މައިގަނޑު ސަބަބަކީ، ހުރިވަރަށްވުރެ ރާއްޖޭގެ މާލީހާލަތު ދަށްނުވެ، ރާއްޖޭގެ އިގުތިސާދީ ހާލަތު ރަނގަޅުކުރުމަށް ފިޔަވަޅުތަކެއް އަޅާފައިވާތީއެވެ. މިގޮތުން މޫޑީސްއިން ވަނީ، ކްރެޑިޓް ރޭޓިންގ ދެމެހެއްޓުމުގައި ބަލާފައިވާ މައިގަނޑު ކަންކަން ފާހަގަކޮށްފައެވެ.

ފާއިތުވި މަސްތަކުގައި، ރާއްޖެއަށް ބޭރު ފައިސާގެ ފައިނޭންސިންގ ހޯދުމުގައި ކާމިޔާބީތަކެއް ހާސިލުވެފައިވާކަން މޫޑީސްގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން، 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު، ދިވެހިރާއްޖެއާއި އިންޑިއާއާއެކު 400 މިލިއަން އެމެރިކާ ޑޮލަރާއި 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވޮޕް އެއްބަސްވުމެއް ގާއިމު ކޮށްފައިވުމަކީ ދިވެހިރާއްޖޭގެ މާލީ ހާލަތު ރަނގަޅުކުރުމަށް ކޮށްފައިވާ މުހިންމު ކަމެއްކަމުގައި މޫޑީސްއިން ބަޔާންކޮށްފައިވެއެވެ.

އެހެންނަމަވެސް، ކުރިއަށް އޮތް 12-18 މަސްދުވަހުގެ ތެރޭގައި ބޭރުގެ ދަރަނި އަދާކުރުމަށް ބޮޑު ހޭދައެއް ކުރަންޖެހޭނެކަމަށް ބެލެވޭއިރު، ބޭރު ފައިސާ ލިބުމަށް ހުރި ދަތިތައް އަދިވެސް ދެމިގެންދާނެކަމަށް މޫޑީސްއިން ބަޔާންކޮށްފައިވެއެވެ. މޫޑީސްއިން އިތުރަށް ފާހަގަ ކޮށްފައިވާ ގޮތުގައި، މިހާރު އެކަށައަޅާފައިވާ ކްރެޑިޓް ރޭޓިންގ ކުރިއަށްއޮތް ދުވަސްތަކުގައި އެ މިންގަނޑުގައި ދެމެހެއްޓުން ނުވަތަ މަތިވުން ބިނާވާނީ ދިވެހިރާއްޖޭގެ ސަރުކާރަށް ބޭރު ފައިސާއިން ފައިނޭންސިންގ ހޯދޭ މިންވަރަށާއި، 2025 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައި ސަރުކާރުން ކަނޑައަޅާފައިވާ ފިސްކަލް ރިފޯމްތައް ކާމިޔާބު ކަމާއެކު ތަންފީޒު ކުރުމުގެ މައްޗަށެވެ.

ރާއްޖޭގެ މާލީހާލަތު ރަނގަޅު ކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުން މަސައްކަތްކުރަމުންދާއިރު، އެންމެ ފާހަގަކޮށްލެވެނީ ބޭރުފައިސާ މާރުކުރުމަށް މީގެ 40 އަހަރުކުރިން ހަދާފައިވާ ގަވާއިދު ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތެވެ. މިގޮތުން އަންނަ ޖެނުއަރީމަހުން ފެށިގެން، އެކުލަވާލާފައިވާ ބޭރުފައިސާ ގަނެ ވިއްކުމުގެ ހަރުދަނާ އައު އުސޫލަށް އަމަލުކުރުމަށް ވަނީ ނިންމާފައެވެ. ހަމައެހެންމެ، ބޭރުފައިސާ ގަނެ ވިއްކުމަށް ގާނޫނެއް ތައްޔާރުކޮށް ވުޖޫދަށް ގެނައުމަށްވެސް ސަރުކާރުން ގެންދަނީ މަސައްކަތް ކުރަމުންނެވެ.