ކޮންމެ ސަރުކާރަކުން ފެއްޓެވި މަޝްރޫޢެއް ކަމުގައިވިޔަސް މި ސަރުކާރުން އެ މަޝްރޫޢަކަށް އިޙްތިރާމުކުރައްވާނޭކަމަށާއި، އަދުގެ ސަރުކާރުން އެ މަޝްރޫޢުތައް ނިންމަވައިދެއްވާނޭކަމަށް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މި ޔަޤީންކަން ދެއްވާފައިވަނީ، އއ. އުކުޅަހުގެ ފުޓުބޯޅަ ދަނޑު ހުޅުއްވައިދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ.

އިއްޔެ އުކުޅަހުގައި ހުޅުވި އެ ފުޓުބޯޅަ ދަނޑު، މިކަމުގެ ނަމޫނާއަކަށް ފުދޭކަން ފާހަގަކުރައްވަމުން ނައިބު ރައީސް ވިދާޅުވީ، މިގޮތަށް ނުނިމި ހުރި ހުރިހާ ދަނޑުތަކެއް ސަރުކާރުން ނިންމަވައިދެއްވާނޭކަމަށެވެ. މީގެ އިތުރުން، ޒުވާނުންނަކީ މި ޤައުމުގެ ހަކަތަ ކަމަށާއި، ޒުވާނުން ޒުވާނުންގެ ގޮތުގައި މިސަރުކާރުން ބަލައިގަންނާނޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެހަކަތައިގައި ވަރު ނެތްކަމުގައިވާނަމަ ދިވެހި ޤައުމު ނުހިނގާނޭކަން ފާހަގަކުރައްވަމުން، ޒުވާނުންގެ އަޑު އަހައިގެން، ޒުވާނުންނަށް ހުރި ކަންކަން ފުރިހަމަކޮށްދެއްވުމަށް މި ސަރުކާރުން އަހަންމިއްޔަތުކަން ދެއްވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ފުޓްބޯޅަ ދަނޑު ހުޅުއްވައިދެއްވުމުގެ ގޮތުން ނައިބު ރައީސް ވަނީ، ދަނޑުގެ ސްޓޭޖު ކުރިމަތީގައި ދަމާފައިވާ ރިބަންފަށް ކަނޑުއްވާލައްވާފައެވެ. އަދި ދަނޑު ހުޅުވުމުގެ މުނާސަބަތުގައި ކުޅުނު މެޗުގައި ބޭނުންކުރި ބޯޅައިގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ސޮއިކުރައްވާފައިވެއެވެ. ދަނޑު ހުޅުވުމުގެ މުނާސަބަތުގައި ކުޅުނު މެޗުގައި ވާދަކުރީ، ދިވެހިރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ ކުޅުންތެރިންގެ މައްޗަށް އެކުލަވާލާފައިވާ ލެޖެންޑުންގެ ޓީމަކާއި، އުކުޅަހު ޒުވާނުންގެ ޓީމެކެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ޢަބްދުﷲ ރާފިޢު އަދި އއ. އުކުޅަހު ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހިމްވެސް ބައިވެރިވެވަޑައިގަތެވެ. ދިވެހިރާއްޖޭގައި ފުޓުބޯޅައިގެ ރޫޙު ދިރުވާ އާލާކޮށް، ކުޅިވަރުގެ ދާއިރާއިން ދިވެހިރާއްޖެއަށް ތަރައްޤީ ގެނައުމަކީ މި ސަރުކާރުގެ މުހިންމު އަމާޒެކެވެ.