ސަރުކާރުގެ ޓެކްސީ ލައިނާ ގުޅޭ އެއްވެސް މަސައްކަތެއް އަދި ނުފަށާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ހާމަކޮށްފިއެވެ. މި މަޢުލޫމާތު ހާމަކޮށްފައިވަނީ ޓެކްސީ ޑްރައިވަރުންގެ ކޮމިއުނިޓީގެ ރައީސް އިބްރާހިމް ނިޔާޒު ހުށަހެޅި މަޢުލޫމާތު ހޯދުމާއި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން (އާރްޓީއައި) ހުށަހެޅި ފޯމަކަށް އިއްޔެ ދިން ޖަވާބުގައެވެ.

ނިޔާޒު ހުށަހެޅި އާރްޓީއައިގައި އެދިފައިވަނީ ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން މިދިޔަ އޮކްޓޯބަރު 29 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީގައި ވިދާޅުވި ގޮތަށް "ދެ ހަފުތާގެ ތެރޭގައި" ސަރުކާރުގެ ޓެކްސީ ލައިންގެ ޚިދުމަތް ފެށުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު ސާފުކޮށްދިނުމަށެވެ. އޭގެ އިތުރުން، މި ޚިދުމަތް ދިނުމަށް އޯޑަރުކޮށްފައިވާ ކާރުތަކުގެ އަދަދާއި، ޚިދުމަތުގެ ޚަރަދުތައް ހަމަޖައްސާނެ ގޮތާއި، ޚިދުމަތް ފެށުމަށް ކުރެވިފައިވާ ދިރާސާތަކާއި، ރަސްމީކޮށް ޚިދުމަތް ފަށާނެ ތާރީޚާ ގުޅޭ މަޢުލޫމާތު ހޯދުމަށްވެސް އެދިފައިވެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ދިން ޖަވާބުގައި ބުނެފައިވަނީ ޓެކްސީ ލައިންގެ ޚިދުމަތް ދިނުމަށް ބޭނުންވާ ކާރުތަކަށް އަދި އޯޑަރު ނުދޭ ކަމަށެވެ. އަދި މި ޚިދުމަތް ދިނުމަށް ހިނގާނެ ޚަރަދުތައް ހަމަޖައްސާނެ ގޮތަކާއި ޚިދުމަތް ފަށާނެ ދުވަހެއްވެސް އަދި ނުނިންމާ ކަމނިންމާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން، ސަރުކާރުން ޓެކްސީ ލައިނެއް ތަޢާރަފުކުރަން އުޅޭތީ އެކަމާ ދެކޮޅަށް ޓެކްސީ ޑްރައިވަރުން ވަނީ ރޭ ހުޅުމާލޭގައި އިހުތިޖާޖުކޮށްފައެވެ. މި އިހުތިޖާޖުގައި ބައިވެރިވި ޓެކްސީ ޑްރައިވަރުންގެ ތެރެއިން ތިން މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި ހުޅުމާލެއިން ހައިވޭއަށް އަރާ މަގު ބަންދުވާ ގޮތަށް ބޭއްވި 22 ޓެކްސީއެއް ފުލުހުން ވަނީ ޓޯވ ކޮށްފައެވެ.