އެމެރިކާގެ މޮންޓެރޭ ބޭ އެކުއޭރިއަމް ރިސަރޗް އިންސްޓިޓިއުޓް (އެމްބީއޭއާރްއައި) ގެ ދިރާސާވެރިންނަށް މި މަޚްލޫޤު ފެނިފައިވަނީ ކަނޑުގެ އަޑިންނެވެ. މި ނިއުޑިބްރޭންކް ނަމަކަށް ކިޔާ މަހްލޫގުގެ ހަށިގަނޑުން ބަޔޯލުމިނެސެންޓް އަލިކަމެއް ނުވަތަ ރެދަން ހުރެއެވެ.
މީގެ ސައިންޓިފިކް ނަމަކީ ބަތިޑެވިއަސް ކައުޑެކްޓައިލަސްއެވެ. މިއީ މިބާވަތުގެ ފުރަތަމަ ނިއުޑިބްރޭންކްއެވެ. މި އާންމުކޮށް ފެންނަނީ ޕެސިފިކް ކަނޑުގެ 2,200 މީޓަރު (7,220 ފޫޓު) އަޑީގައި ބަތިޕެލަޖިކް ސަރަޙައްދުންނެވެ.
ނިއުޑިބްރޭންކްގެ ކަނޑުގެ ސްލަގްތަކަކީ މޮލަސްކުގެ ތެރެއިން އެންމެ ޚާއްޞަ ސިފަތަކެއް ހުންނަ ބާވަތްތަކެވެ. އެތަކެތި ގިނަފަހަރަށް ހުންނަނީ އަލި ކުލަތަކުގައެވެ. އަދި އެތަކެތީގެ ގައިގައި ރީތި ކުރެހުންތައް ހުރެއެވެ. މިއެއްޗެހި ގިނަފަހަރަށް ފެންނަނީ މުރަކަތަކުގެ ތެރެއިންނެވެ. އޭގެ ބައެއް ބާވަތްތަަކުގެ މައިގަނޑު ކެއުމަކީ މުރަކައެވެ. އަނެއްބައި ބާވަތްތައް ކަނީ އަލްގީ ސްޕަންޖް، އެނެމޯން، ޖެލީފިޝް، ފަދަ ތަކެއްޗެވެ.
އެތަކެއްޗަކީ ތަފާތު އަދި ބޭނުންތެރި އެއްޗެހި ކަމަށް ޤަބޫލުކުރެވެއެވެ. އެމްބީއޭއާރްއައިގެ ދިރާސާވެރިން މި ޖަނަވާރު ފުރަތަމަ ފެނުނު އިރު "މިސްޓަރީ މޮލަސްކް" ގެ ނަމުން ކިޔަން ފެސިއެވެ. އޭތި ފެނުނީ ރިސަރޗް ވެހިކަލް ޓިބުރޯން 2,614 މީޓަރުގެ ފުންމިނެއްގައި ދުއްވަމުންދަނިކޮށެވެ.
އެމީހުންނަށް ފެނުނު މަޚްލޫޤުގައި ސީ ސްލަގެއްގެ ފައި ކަހަލަ ފައެއް ހުއްޓެވެ. އޭގެ ނިގުލުގައި އިނގިލިތަކެއް ކަަހަަލަ އެއްޗެހިތަކެއް ހުއްޓެވެ. އޭގެ މަޑު ރަތްކުލައިގެ ހަށިގަނޑުގެ އެތެރޭން ގުނަވަންތައް ފެނެއެވެ. އަދި އެ އުޅަނދު ކައިރިވުމުން، އެ މަޚްލޫޤު ބިރުގަތުމުން، އޭގެ ހަށިގަނޑުން އަލިކަމެއް ފެތުރުނެވެ.
ބަތީޑެވިއަސް ކޯޑަކްޓިލަސް ބަޔޯލޫމިނެސެންސް ނުވަތަ ދިއްލުން.
މިއީ ނުރައްކަލަކުން ދިފާޢުވުމަށް ކުރާ ކަމެއް ކަމަށް ބެލެވެއެވެ. ދިރާސާވެރިންނަށް ފެނުނީ އޭގެ ނިގުލެއް އަލިވެގެން ދިޔަ މަންޒަރެވެ. ފަހުން އޭގެ ނިނގޫ، ހޯނު ނުރައްކަލުން ސަލާމަތްވުމަށް އޭގެ ނިނގޫ ވަކިކޮށްލާ ފަދައިން ވަކިވެގެން ދިޔައެވެ.
ޖުމްލަ ގޮތެއްގައި، ދިރާސާވެރިންނަށް 2000 އިން 2021 ވަނަ އަހަރާއި ހަމައަށް ކުރި ޑައިވްތަކުގައި މި ބާވަތުގެ 157 ޖަނަވާރު ފެނިފައިވެއެވެ. އޭގެ ތެރެއިން 32 ޖަނަވާރު ތަފްޞީލުކޮށް ދިރާސާކުރެވުނެވެ. އަދި 18 ޖަނަވާރު ލެބޯޓަރީގައި އިތުރަށް ދިރާސާކުރުމަށް ނެގުނެވެ. މި ދިރާސާގައި ޖީނޯމް އެނަލިސިސްއެއްވެސް ހަދާފައިވެއެވެ. މި އެނަލިސިސްއިން މި އަޖައިބު މަޚްލޫޤަކީ ނިއުޑިބްރޭންކްއެއް ކަން ދެނެގަނެވުނެވެ. ނަމަވެސް އެހެން ހުރިހާ ނިއުޑިބްރޭންކްއަކާއި އަޅާބަލާއިރު މިއީ ވަރަށް ތަފާތު ބާވަތެއް ކަމަށްވާތީ، ބަތިޑެވިއިޑޭއަކީ އެހެން އާއިލާއަކަށް ނިސްބަތްވާ އެއްޗެއް ކަމަށް ނިންމިއެވެ.
ބަތިޑެވިއަސް އޭގެ ޤުދުރަތީ މާޙައުލުގައި އޮބްޒާވްކުރުމުން، ދިރާސާވެރިންނަށް ފެނުނީ އެ ޖަނަވާރު އޭގެ ބޮޑު މާގަނޑު ބޭނުންކޮށްގެން ޝިކާރަކުރާ މަންޒަރެވެ. މިއިން ދޭހަވަނީ އޭގެ ކާނާގައި ގިނައިން ހިމެނެނީ ޑިނގާފަދަ ކްރަސްޓޭޝަންތައް ކަމެވެ. ގިނަ އެހެން ނިއުޑިބްރޭންކްގައި ހުންނަ ދޫ ކަހަލަ ގުނަަވަނެއް ބަތިޑެވިއަސްގައި ނުހުންނާގި އޭތީ ކާނީ މާގަނޑުގެ ފަހަތުގައި ހުންނަ އަނގައަކުންނެވެ.
ނިއުޑިބްރޭންކްގެ އިތުރު ދެ ބާވަތަކުންވެސް މާގަނޑު ބޭނުންކުރަނީ މިގޮތަށެވެ. ނަމަވެސް އެ ދެ ބާވަތަކީ ނިއުޑިބްރޭންކް ފެމިލީގައި ބަތިޑެވިއަސްއާ ވަރަށް ދުރު ގާތްކަމެއް ހުރި ބާވަތްތަކެކެވެ. މިއިން ދޭހަވަނީ މި އަލަށް ހޯދުނު ބާވަތުގައި މި ސިފަތަކަށް ބަދަލު އައިސްފައިވާ ކަމެވެ.
މި ނިއުޑިބްރޭންކްއަކީ އޭގެ އެހެން ބާވަތްތަކެކޭ އެއްފަދައިން، ހާމަފްރޮޑައިޓިކް ޖަނަވާރެކެވެ. މި ބާވަތިގެ ޖަނަވާރުންނަކީ އަންހެން އަދި ފިރިހެން ޖިންސީ ގުނަވަން އޭގައި ހިމެނޭ ޖަނަވާރުންނެވެ. އެއް ފަހަރަކު، ދިރާސާކުރާ ފަރާތްތަކަށް ބަތިޑެވިއަސް އަލާވާ ގޮތް އޮބްޒާވްކުރިއެވެ. 2,755 މީޓަރުގެ ފުންމިނެއްގައި، އެ ޖަނަވާރު ކަނޑުގެ އަޑީގައި ބިސްއަޅާ މަންޒަރު ފެނުނެވެ. އަދި ދުވަސްކޮޅެއްފަހުން މި ބިސްތައް ލާވާތަކަށް ބަދަލުވިއެވެ.
ބަތީޑެވިއަސް ކަނޑަށް ބިސް ދޫކުރުން.
މިއީ މިހާތަނަށް ކުރެވުނު ކަނޑުގެ އަޑީގެ އައު ބާވަތެއްގެ ދިރާސާއެކެވެ. އަދި މިއީ ޤުދުރަތީ ދުނިޔޭގެ އަޖައިބުކުރުވަނިވި ކަންކަމާ ބެހޭގޮތުން އިންސާނުންނަށް އެނގެނީ ވަރަށް މަދު އެއްޗެއްކަން ދޭހެކޮށްދޭކަމެކެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.