ރާއްޖެ ފުރިހަމައަށް ތަރައްޤީވެފައިވާ ޤައުމަކަށް 2040 ގައި ހެދުމަކީ ސަރުކާރުގެ ޕްލޭނެއް ކަމަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަނބިކަބަލުން ޢާއިޝަތު އަފްރީން މުހައްމަދު ވިދާޅުވެއްޖެއެވެ.
އަފްރީން މިހެން ވިދާޅުވީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ "އެމްޕަވަރިންގ ވިމެން ތުރޫ ޑިޖިޓަލް ޓްރާންސްފޮމޭޝަން" ޓްރެއިނިން ޕްރޮގްރާމް އިފްތިތާޙުކުރުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމާއި އާ އުފެއްދުންތައް ކުރިއެރުވުމުގައި މުހިއްމު ދައުރެއް ދިވެހި އަންހެން ވިޔަފާރިވެރިން އަދާކުރާކަމަށާއި ކޯވިޑް 19 ގެ ގޮންޖެހުންތަކާ ކުރިމަތިވި ނަމަވެސް ރާއްޖޭގެ އަންހެނުންގެ ފަސްޖެހުމެއްނެތި ހަޤީޤީ ވިޔަފާރިވެރިންގެ ގޮތުގައިވަނީ މަސައްކަތް ކޮށްފައިކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ. އެކަމަނާ ސިފަކުރެއްވީ ޒަމާނުއްސުރެ ދިވެހި އަންހެނުންނަކީ ރާއްޖޭގެ މުޖުތަމަޢު ކުރިއެރުވުމުގައި މުހިންމު ދައުރެއް އަދާކޮށް، އަންނަން އޮތް ޖީލު ތަރުބިއްޔަތު ކުރުމުގައި އިސް ރޯލެއް އަދާކުރަމުން އަންނަ ބައެއްގެ ގޮތުގައެވެ.
އަންހެނުން މިހާ ބޮޑު ޤުރުބާނީތަކެއްވަމުންދާ ނަމަވެސް އެމީހުން ގިނައިން ފެނިގެންދަނީ ކުދި ކުދި މަޤާމުތަކުން ކަމަށާއި މި ދުވަސްވީ މިންތީގެ ނަހަމަކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުޢިއްޒު މިވަނީ ނިންމުމެއް ގެނެސްދެއްވާފައިކަމަށް މެޑަމް އަފްރީން ވިދާޅުވިއެވެ. މީގެ އިތުރުން އަންހެން ވިޔަފާރިވެރިންނަށް ޚާއްސަކޮށްގެން މާލީ އެހީއާއި ލޯނު ދޫކުރުމަށް މި ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކުރައްވަމުންގެންދަވާ ކަމަށް ވެސް ފާހަގަކުރެއްވިއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.