އޮގަސްޓު ހަވަނަ ދުވަހުގެ ފަތިހު، ސަޕްލައި ދޯންޏަކުން މީހުން ސަލާމަތްކުރަން އުޅެނިކޮށް ދޯނި ބައްޑުން ޖަހާ، ގެއްލުނު މީހުން ހޯދުމަށް ރާއްޖެއާ ގާތް ގައުމުތަކުގެ އެހީ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ސަރުކާރުން ހާމަކުރައްވައިފިއެވެ.
"ފްރެންޑް 4" ނަމަކަށް ކިޔާ ސަޕްލައި ދޯންޏެއް މިދިޔަ ބުދަ ދުވަހު ތ. މަޑިފުށިން ފުރައި، ތިލަފުށިން ހިލަ އާއި ހިލަވެލި ބަރުކޮށްގެން ހުވަދު އަތޮޅަށް ދަތުރުކުރަމުން ދަނިކޮށް އަޑިއަށް ގޮސް ތިން ދިވެހިން ގެއްލިފައިވާއިރު، ފޮރިން މިނިސްޓްރީން މިއަދު ވިދާޅުވީ، ކަމާ ބެހޭ އިދާރާތަކާ ގުޅިގެން އެންމެ އިސްކަންދެނީ ގެއްލުނު މީހުން ހޯދުމަށް ކަމަށެވެ.
އެގޮތުން، އެ މީހުން ހޯދުމުގެ އޮޕަރޭޝަނަށް ރާއްޖެއާ ގާތް ގުޅުން އޮންނަ ގައުމުތަކުގެ ފަންނީ އެހީތެރިކަން ހޯދުމަށް މަޝްވަރާ ކުރަމުން އަަންނަ ކަން ހާމަކުރައްވާ މިނިސްޓްރީން ވަނީ، ލިބެން ހުރި ހުރިހާ ވަސީލަތެއްގެ ބޭނުން ކޮށްގެން ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް މެދުކަނޑާނުލާ ކުރިއަށްދާ ކަމުގެ ޔަގީން ދެއްވާފައެވެ.
ހާދިސާގައި އެހީތެރިކަން ފޯރުކޮށްދީ، މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި ފުލުހެއްގެ އިތުރުން ދޯނީގެ ކައްޕި ވަނީ ގެއްލިފައެވެ.
އެއީ ނ. މަނަދުއަށް ނިސްބަތްވާ، 33 އަހަރުގެ ސާޖަންޓް އަލީ ނާފިއުއާއި އެމްއެންޑީއެފްގެ 39 އަހަަރުގެ ސްޓާފް ސާޖަންޓް އިބްރާހިމް އަހުމަދާއި، އަޑިއަށް ދިޔަ ދޯނީގެ ކައްޕި ކަމަށްވާ ތ. މަޑިފުއްޓަށް އުފަން، 35 އަހަރުގެ މުހައްމަދު ހަމްދޫނެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.