ޤާނޫނީ ދާއިރާގެ އިމްތިހާނުތަކަށް ހާޒިރުވާންޖެހޭ ގޮތަށް ގެނައި އިސްލާހު ތަންފީޒު ކުރުން ފަސްކޮށްފިއެވެ.
ޤާނޫނީ ދާއިރާގެ ޑިގްރީ ކޯސްތަކުގެ ފެންވަރު ހިފެހެއްޓުމަށާއި، އެ ދާއިރާއިން ތައުލީމު ހާސިލުކުރާ ދަރިވަރުންގެ ފެންވަރު މަތިކުރުމުގެ ގޮތުން އެކުލަވާލާފައިވާ "މިނިމަމް ސްޓެންޑާރޑްސް އޮން އެންޓްރީ ކްރައިޓީރިއާ، ޕްރިސްކްރައިބްޑް ލަރނިން އައުޓްކަމްސް އެންޑް ސްޓޭޓްމަންޓް އޮފް ޕްރިސްކްރައިބްޑް ނޮލެޖް ފޯރ ކޮލިފައިން ލޯ ޑިގްރީސް" އަށް ގެނައި ދެވަނަ އިސްލާހު ތަންފީޒުކުރުން ފަސްކުރުމަށް ނިންމާފައިވާކަން ހާމަކުރައްވާފައިވަނީ ގާނޫނި ވަކީލުންގެ ބެލެނިވެރި ފަރާތްކަމުގައިވާ ބާ ކައުންސިލުންނެވެ.
ބާ ކައުންސިލުން ހާމަކުރައްވާފައިވާ ގޮތުގައި، މި ބަދަލު އަންނަ އަހަރަށް ފަސްކުރަން ނިންމީ، އެ ކައުންސިލުން އެންމެ ދަށްވެގެން ފުރިހަމަވާން ޖެހޭ މިންގަނޑުތަކުގެ އުސޫލަށް މިދިޔަ ހޯމަ ދުވަހު ގެނެސްދިން ބަދަލުތަކާ ގުޅިގެންނެވެ. އެ އުސޫލުގައި އިމްތިހާނުތައް ފިޒިކަލްކޮށް ބޭއްވުމުގެ އިތުރުން، އިނގިރޭސި ބަހުން ކިޔަވައިދޭންޖެހޭ މިންގަނޑުތަކަށް ވެސް ބަދަލު ގެނެސްފައިވެއެވެ.
އިސްލާހަށް އަމަލުކުރަން 1 އޯގަސްޓް 2026 ގައި ފަށަން ކުރިން ކަނޑައަޅާފައިވީ ނަމަވެސް، މިހާރު އެ ތާރީހު ވަނީ 1 ޖެނުއަރީ 2027އަށް ފަސްކޮށްފައެވެ.
މިގޮތަށް ނިންމީ ޤާނޫނީ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒުތަކަށް އިދާރީ އަދި ފަންނީ ގޮތުން ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށާއި، ކުރިން އެކްރެޑިޓްކޮށްފައިވާ ޕްރޮގްރާމްތަކަށް ބަދަލުތަކެއް ގެނެސް، އެ ބަދަލުތަކާ އެއްގޮތަށް އެކްރެޑިޓޭޝަނަށް ހުށަހެޅުމަށާއި އެ ބަދަލުތަކާއެކު އެކްރެޑިޓްކުރުމަށް މުއްދަތެއް ދިނުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ހުށަހަޅާފައިވާތީ ކަމަށެވެ.
މި ނިންމުމަކީ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމެޓީއިން ކުއްލި ޖަލްސާއެއް ބޭވުމަށްފަހު 28 ޖުލައި 2026ގައި ނިންމިނިންމުމެއްކަމަށް ވަނީ ހާމަކޮށްފައެވެ.
އައު އުސޫލު ތަންފީޒުކުރަން ފެށުމާއެކު ދެން އިމްތިހާނު ހަދަންޖެހޭނީ އިމްތިހާނު ހަދާ ފަރާތްތަކާއި އިންވިޖިލޭޓަރުން އެއް މާހައުލެއްގައި ތިބެގެންނެވެ. އަދި މި އިމްތިހާނުތައް ކުރިއަށްގެންދަން ވާނީ ކަނޑައެޅިފައިވާ ވަގުތެއްގައި، ބާ ކައުންސިލުގެ އުސޫލުތަކާ އެއްގޮތަށް ބެލެހެއްޓިގެން ކަމަށްވެސް އިސްލާހުގައި ބުނެފައިވެއެވެ.
އިމްތިހާނުތަކަށް ގެނައި ބަދަލުގެ އިތުރުން، ޤާނޫނީ ދާއިރާގެ ކޯސްތަކަށް ވަނުމަށް ފުރިހަމަވާންޖެހޭ ޝަރުތުތަކަށްވެސް ބާ ކައުންސިލުން ވަނީ ބަދަލުތަކެއް ގެނެސްފައެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.