މިދިޔަމަހު 30 ވަނަ ދުވަހު ރައްޔިތުންގެ މަޖުލީހަށް ހުށަހަޅާފައިވާ ހެއްކާއިބެހޭ ބިލުގައި ހިމަނާފައިވާ ނޫސްވެރިން ލިޔާ ޚަބަރުތަކުގެ މަސްދަރު ހާމަކުރުމަށް މަޖުބޫރުކުރާ މާއްދާ އުވާލުމަށް ގޮވާލާ އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ) ، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)، މޯލްޑިވްސް އެޑިޓާސް ގިލްޑް، ޓްރާންސްޕޭރަންސީ މޯލްޑިވްސް އަދި އެމްނެސްޓީ އިންޓަނޭޝަނަލުން ގޮވާލައިފިއެވެ.
މިޖަމިއްޔާތަކުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ހެއްކާއިބެހޭ ބިލުގައި އެމާއްދާ ހިމަނާފައިވުމުން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ނިގުޅައިގަނެވޭނެ ކަމަށާއި ކޯޓަށް ފެނިއްޖެ ހާލަތެއްގައި ނޫސްވެރިން ލިޔާ ޚަބަރުތަކަށް މައުލޫމާތު ހޯދުމަށް ބޭނުންކުރާ މަސްދަރުތައް ހާމަކުރުމަށް މަޖުބޫރުކުރެވިގެން ނުވާނެކަމަށެވެ.
މިބިލުގެ 136 ވަނަ މާއްދާގެ (ހ) ގައި ގާނޫނު އަސާސީގެ 28 ވަނަ މާއްދާއިން ނޫސްވެރިންނަށް ލިބޭ މަސްދަރު ހިމާޔަތްކުރުމުގެ ހައްގު ކަށަވަރުކޮށްދިން ނަމަވެސް މި މާއްދާގެ (ށ) ގައި ނޫސްވެރިންނަށް މަސްދަރު ހާމަކުރަން މަޖުބޫރުކުރެވިދާނެ ދެ ހާލަތެއް ވަނީ ބަޔާންކޮށްފައެވެ. މި ދެ ހާލަތުގައި ކޯޓަކަށް ފެނިއްޖެ ހިނދެއްގައި ނޫސްވެރިއެއް ބޭނުންކުރި މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވޭނެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.