މިއަހަރުގެ 3 ވަނަ ކުއާޓަރގައި ޖެޓް ފިއުލް ވިއްކައިގެން ލިބުނު އާމްދަނީ އިތުރު ވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ރިޕޯޓުން ދައްކައިފިއެވެ.

އެމްއެމްއޭގެ ކުއާޓަރލީ އިކޮނޮމިކް ބުލެޓިން ރިޕޯޓުގައިވާ ގޮތުން، މިއަހަރުގެ 3 ވަނަ ކުއާޓަރގައި ޖެޓް ފިއުލް ވިއްކައިގެން ލިބުނު އާމްދަނީ ވަނީ އޭގެ ކުރީ ކުއާޓަރއާ އަޅާބަލާއިރު 14% އިތުރުވެފައެވެ. އެގޮތުން މި ކުއާޓަރގައި ޖެޓް ފިއުލް ވިއްކައިގެން އާމްދަނީގެ ގޮތުގައި 5.3 މިލިއަން ޑޮލަރު ލިބިފައިވާކަމަށް ރިޕޯޓުން ދައްކައެވެ.

މި އިތުރުވުން އައިސްފައިވަނީ މި ކުއާޓަރގައި ރާއްޖެ އައި އެއަރލައިންތަކުގެ އަދަދު އިތުރުވެފައިވުމުގެ ސަބަބުންކަމަށް އެމްއެމްއޭގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. ރާއްޖެއަށް ޝެޑިއުލްޑް އަދި ޗާޓަރ ދަތުރުތައް ކުރާ އެއަރލައިންތަކުގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. މީގެއިތުރުން ރާއްޖެއަކީ ގިނަ އަދަދަކަށް ޕްރައިވެޓް ޖެޓްތައްވެސް ދަތުރުކުރާ ޤައުމެއްކަން ފާހަގަކޮށްފައިވެއެވެ.

މިދިޔަ މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އައު ފިއުލް ފާމާއި ފިއުލް ހައިޑްރަންޓް ސިސްޓަމް ހުޅުވައިދެއްވާފައެވެ. މި އައު ފިއުލް ފާމުގައި 45 މިލިއަން ލީޓަރުގެ ޖެޓް ފިއުލް ރައްކާކުރެވޭނެއެވެ. އަދި ފިއުލް ހައިޑްރަންޓް ނެޓްވޯކާއެކު، ފްލައިޓްތަކަށް ތެޔޮ އެޅުމަށް ހޭދަވާ ވަގުތު ވަރަށް ބޮޑަށް ކުޑަވެފައިވާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މަޢުލޫމާތު ދީފައިވެއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުން މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ވައިގެމަގުން ރާއްޖެއަށް 1.8 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މީގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށެވެ.