މީލާދީ އައު އަހަރުގެ އައްވަލު ދުވަހު ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް، މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ރީނދޫ ސަމާލު ނެރެފިއެވެ.

މެޓުން އިރުއޮއްސި 18:30 އާ ހަމައަށް ނެރުނު ސަމާލުގައި ބުނެފައިވަނީ ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިވަދަވެ ކަނޑުތައް ގަދަވާނެ ކަމަށްވެސް ލަފާ ކޮށްފައި ވެއެވެ.

މެޓް އިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މޫސުމީ ބަދަލު އަންނަނީ ސްރީލަންކާގެ އިރުދެކުނުގައި އުފެދިފައިވާ ކޮޅިގަނޑާއި، މިކޮޅިގަނޑާއި ގުޅިފައިވާ ލޯޕްރެޝަރ ޓްރަފްގެ ސަބަބުންނެވެ. މި ސަބަބާ ހުރެ، އާ އަހަރުގެ ބަންދު ތެރޭގައި (ޖަނަވަރީ 1 އިން 5 އަށް) ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ވަޔާއި ކަނޑު ގަދަވެ އަދި ބައެއް ރަށްތަކަށް އުދަ އެރުމުގެ ފުރުސަތު އޮތް ކަމަށް ލަފާ ކުރެވެއެވެ.

މިއަދުގެ މޫސުމަށް ބަލާއިރު، ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހުންވެސް އެކަށީގެންވާ ކަމަށް މެޓް އިން ވަނީ ބުނެފައެވެ.

ވައިގެ ދުވެލިއަށް ބަލާއިރު، ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން އަދި އެހެން ހިސާބުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އިން ވަނީ ހާމަކޮށްފައެވެ.