ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުގެ ވޯޓާ ވިލާއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. މި ހާދިސާ ހިނގީ އެ ކޮޓަރީގެ ފުރާޅަށް ހޮނު އެޅުމުގެ ސަބަބުންނެވެ.

ރޭ ދަންވަރު އެމްއެންޑީއެފުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ރީތިރަށް ރިސޯޓުގެ ވޯޓާ ވިލާއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފުން ހަރަކާތްތެރިވެފައިވާ ކަމަށެވެ. އަދި މި ހާދިސާގައި ރޯވި އަލިފާންގަނޑު ރިސޯޓުގެ މުވައްޒަފުން ވަނީ ކޮންޓްރޯލުކޮށް، ނިއްވާލައިފައި ކަމަށްވެސް އެމްއެންޑީއެފުން މަޢުލޫމާތު ދީފައިވެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ވެފައި ނުވާކަމަށް ވީނަމަވެސް، ވިލާއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ޚާއްޞަކޮށް ވިލާގެ ފުރާޅު ވަނީ އެއްކޮށް އަނދައިގެން ގޮސްފައެވެ.

މި ހާދިސާއާ ގުޅިގެން ރިސޯޓުގެ ސަލާމަތީ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމަށް ވަނީ ނިންމާފައެވެ. އަދި މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އިތުރު ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް ރިސޯޓުގެ ފަރާތުން މަޢުލޫމާތު ދީފައިވެއެވެ.