އައްޑޫ ސިޓީގައި ޤާއިމުކޮށްފައިވާ ފެން ހިންދާ ނިޒާމުގެ ޕަމްޕްތައް ނަގާ މާލެ ގެންނަން އުޅޭކަމަށް ދެކެވޭ ވާހަކަ އިމާރަތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ދޮގުކުރައްވައިފިއެވެ.

ސޯޝަލް މީޑިއާގައި ފެތުރެމުންދާ މި ވާހަކައާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، އައްޑޫގެ ފެން ހިންދާ ނިޒާމުގެ މަސައްކަތްތައް އަދި މުޅިން ނުނިމޭކަމަށާއި ޕަމްޕް ސްޓޭޝަންތަކުގައި ބަހައްޓާ ޕަންޕްތައް އިންސްޓޯލްކުރުމާއި ޓެސްޓުކުރުމުގެ މަސައްކަތްތައް، ކޮންޓްރެކްޓަރު މިވަގުތުވެސް ކުރަމުންދާކަމަށެވެ.

އައްޑޫ ސިޓީގެ ފެން ހިންދާ ނިޒާމުގެ މަސައްކަތަކީ އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލުކޮށް ކުރިއަށްގެންދާ އައްޑޫ މަގު ހެދުމުގެ މަޝްރޫޢުގައި ހިމެނޭ މަސައްކަތެކެވެ. މި މަޝްރޫޢުގެ ދަށުން 100 ކިލޯމީޓަރުގެ މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާއިރު، މިހާރު މައިގަނޑުގޮތެއްގައި ކުރަމުންދަނީ މަޝްރޫޢުގެ އެންމެ ފަހުގެ މަސައްކަތްތަކެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، އައްޑޫގެ މަގުތައް ތަރައްޤީކުރުމުގެ މަސައްކަތް ނިމޭއިރު، ރަށްރަށުގައި ފެންބޮޑުވާ މައްސަލައަށް ވަރަށް ބޮޑު އިސްކަމެއް ދީގެން ރިޢާޔަތްކުރަމުންދާކަމަށެވެ. އަދި މަގުތައް ނިމޭއިރު، ބޯކޮށް ވާރޭވެހި ފެން ބޮޑުވެއްޖެނަމަ ފެން ހިންދުމަށް ބޭނުންވާނެ ޒަމާނީ ނިޒާމެއް އައްޑޫގައި ޤާއިމުވެފައި އޮންނާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

އައްޑޫ މަގު ހެދުމުގެ މަޝްރޫޢުއަކީ 1 ބިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގައި އައްޑޫ ފެދޫ، މަރަދޫ، މަރަދޫ ފޭދޫ، ހިތަދޫ އަދި ހުޅުމީދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުން ހިމެނެއެވެ.