އިއްޔެ ކުރިމަތި ތިބީ ވިއްސާރައިގެ ސަބަބުން 8 ރަށެއްގައި ފެންބޮޑުވެގެން ރިޕޯޓުކުރި އިރު 2 ގެއަކުން މީހުން ހުސްކުރަން ޖެހުނު ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ހާމަކޮށްފިއެވެ.
އެންޑީއެމްއޭ އިން ދެއްވި އެންމެ ފަހުގެ މަޢުލޫމާތުގައިވާ ގޮތުން، މި ވިއްސާރައިގައި އެންމެ ބޮޑު ގެއްލުމެއް ލިބުނީ ފ. ނިލަންދޫ އަދި ކ. ހިންމަފުއްޓަށެވެ. ނިލަންދޫގެ 80 ޕަސެންޓް ސަރަޙައްދުގައި ފެން ބޮޑުވިއިރު، ހިންމަފުށީގެ 60 ޕަސެންޓް ސަރަޙައްދުގައި ފެން ބޮޑުވެފައިވާ ކަމަށް އެ އޮތޯރިޓީން ބުނެއެވެ. މީގެ އިތުރުން، ކ. ގުރައިދޫގެ 60 ގެއަކަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށްވެސް އެންޑީއެމްއޭ އިން ފާހަގަކޮށްފައިވެއެވެ.
އިއްޔެ މާލެއަށް ކުރި ވިއްސާރައިގައި މުޅި މާލޭގައި ފެންބޮޑުވެ، ގޭގެއަށް ފެންވަދެ އެކި ވަރުގެ ގެއްލުންތަކެއް ލިބިފައިވާ ކަމަށް ރިޕޯޓުކުރެވިފައިވެއެވެ. ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭވެހިފައިވަނީ މާލެއަށް ކަމަށާއި، މި މުއްދަތުގައި މާލެއަށް 162 މިލިލީޓަރުގެ ވާރޭ ވެހިފައިވާކަމަށް ވަނީ ރެކޯޑް ކުރެވިފައެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން މިއަދުވެސް ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފައިވާ ކަމަށް އެންޑީއެމްއޭ އިން ހާމަކޮށްފައިވެއެވެ. އެހެންކަމުން، ރައްޔިތުންނަށް ވަނީ ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.