މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުން އާބާދުކުރުމަށް ގުޅީފަޅުން ހިއްކި ބިމުގައި މަގުތައް ހެދުމަށާއި ބޭނުންވާ މުނިސިޕަލް އިމާރާތްތައް އެޅުމުގެ މަސައްކަތް ކުރުމަށް ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ)އާ އެކު ދިވެހި ސަރުކާރުން މިއަދު ސޮއިކޮށްފިއެވެ.
މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވުނު ރަސްމިއްޔާތުގައި، ދިވެހި ސަރުކާރުގެ ފަރާތުން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބް އަދި ސީއެމްއީސީގެ ފަރާތުން އެ ކުންފުނީގެ ރީޖަނަލް ޖެނެރަލް މެނޭޖަރު ޝެން ހައު ޖިން މި އެއްބަސްވުމުގައި ސޮއިކުރެއްވިއެވެ.
މި މަޝްރޫއުގެ ދަށުން ކުރާނެ މަސައްކަތްތަކުގެ ތެރޭގައި ފެނާއި ނަރުދަމާ ގާއިމުކުރުމާއި، ފެން ހިންދާ ނިޒާމު ގާއިމުކުރުމާއި، ޒަމާނީ ފެންވަރަށް މަގުތައް ހެދުމާއި، ގޭސް ސްޓޯރޭޖާއި ޑިސްޓްރިބިއުޝަން ސެންޓަރު އެޅުމާއި، އަދި ގިގަބިޓް އީތަރނެޓް ޕެސިވް އޮޕްޓިކަލް ނެޓްވޯކް (ޖީޕީއޯއެން) ޑަކްޓް ސިސްޓަމް އެޅުން ހިމެނެއެވެ.
ހައުސިން މިނިސްޓަރު ޑރ. މުއްތޮލިބް ވިދާޅުވި ގޮތުގައި، މި މަޝްރޫއަށް ސީއެމްއީސީއާ ދެމެދު މިހާތަނަށް ގިނަ ޓެކްނިކަލް މަސައްކަތްތައް މިނިސްޓްރީން ކޮށްފައިވެއެވެ. މީގެ ތެރޭގައި ޕްރޮޖެކްޓް ސްކޯޕިން ތައްޔާރުކުރުމާއި ޓެކްނިކަލް ސްޕެޝިފިކޭޝަނާއި ކޮންސެޕްޓް ލެވެލްގެ ޑިޒައިން މަސައްކަތްތައް ހިމެނެއެވެ.
ބްރިޖުގެ މަސައްކަތަށް މި ވަގުތު ގުޅީފަޅުގެ ބިމުން ބޮޑު ބައެއް ނަގާފައިވީ ނަމަވެސް، މި ވަގުތު ޖާގަ ލިބެން ހުރި ބިންތައް ފާހަގަކޮށް މަގުތައް ހެދުމާއި ފެނާއި ނަރުދަމާގެ މަސައްކަތްތައް ކުރިއަށް ގެންދަން ދެ ފަރާތުން އެއްބަސްވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.