މޯލްޑިވް ގޭސް އިން 45 ކިލޯގެ ގޭސް ސިލިންޑަރުގެ އަގު ކުޑަކޮށްފިއެވެ.
މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑްއިން 45 ކިލޯގެ އެލްޕީޖީ ގޭސް ސިލިންޑަރު ރީފިލްކުރުމުގެ އަގު ކުޑަކޮށްފިއެވެ. މިއަދުން ފެށިގެން 45 ކިލޯގެ ގޭސް ސިލިންޑަރެއް ރީފިލްކުރުމުގެ އަގަކީ 1،170 ރުފިޔާއެވެ. މިއީ ކުންފުނީގެ ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމެކެވެ.
އަގުގެ މި ބަދަލަކީ އަސާސީ ހަކަތައިގެ ޚިދުމަތްތައް އާންމުންނަށް ވީހާވެސް އަތްފޯރާފަށުގައި ފޯރުކޮށްދިނުމަށް ކުންފުނިން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅުނު ފިޔަވަޅެކެވެ. ރާއްޖޭގައި އެލްޕީޖީ ގޭސް ފޯރުކޮށްދިނުމުގެ އެންމެ އިސް ދައުރެއް އަދާކުރާ ފަރާތުގެ ހައިސިއްޔަތުން، ގޭބިސީތަކަށާއި، ވިޔަފާރިތަކަށާއި އަދި އެހެނިހެން ސިނާއަތްތަކަށް ކުކިން ގޭހުގެ އަގު ހެޔޮވުމަކީ ވަރަށް މުހިންމު ކަމެއްކަން މޯލްޑިވް ގޭހުން ވަނީ ފާހަގަކޮށްފައެވެ.
މި އަގު ކުޑަކުރުމުގެ މަޤްޞަދަކީ ކަސްޓަމަރުންގެ ހިތްހަމަޖެހުން އިތުރުކުރުމާއި، ފެންވަރު ރަނގަޅު އަދި އިތުބާރުހުރި ހަކަތައިގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުންފުނިން ކުރަމުންދާ މަސައްކަތް އިތުރަށް ހަރުދަނާކުރުމެވެ. މޯލްޑިވް ގޭހުން މެދުނުކެނޑި ގޭސް ފޯރުކޮށްދިނުމަށް މަސައްކަތްކުރާ އިރު، ސަލާމަތާއި ރައްކާތެރިކަމުގެ އެންމެ މަތީ މިންގަނޑުތައް ދަމަހައްޓާނެކަން ކަށަވަރުކޮށްދެއެވެ.
މޯލްޑިވް ގޭހުގެ ޚިދުމަތްތަކަށް ކަސްޓަމަރުން ކުރާ އިތުބާރާއި ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރަމުން، ކުރިމަގުގައިވެސް ރާއްޖެއަށް އެންމެ ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދިނުމަށް މަސައްކަތްކުރާނެކަމުގެ ޔަޤީންކަން އެ ކުންފުނިން ވަނީ ދީފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.